ސުވާލު ނުބައެވެ. ވީމާ ޖަވާބުވެސް ނުބައިވާނެއެވެ.

ފޮޓޯ: ޢަބްދުﷲ އަބީދު

ދިވެހި ޤައުމުން ކުރިއެރުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އާ އީޖާދުތަކާއި އާ ފަސޭހަތައް އުފަންނުވަނީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއްވެގެންދާ އިރުވެސް ވަކި ވަކި ދާއިރާތަކުންނާއި ޚިދުމަތްތަކުންނާއި މުޖުތަމަޢުން ކުރިއެރުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟

މީގެ ދިހަވަރަކަށް އަހަރު ކުރިން ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ކާމިޔާބަކީ، އޯލެވެލް އިމްތިޙާނުން ދުނިޔޭގެ ފެންވަރުގައި ދިވެހި ދަރިވަރުން ވަނަ ހާސިލުކުރުމެވެ. ދިހަ އަހަރު ފަހުން މިއަދުވެސް އެންމެ ބޮޑު ކާމިޔާބަކީ އެއީއެވެ. އެކަން ފާހަގަ ނުކުރާށޭ ދަންނަވަނީ އެއް ނޫނެވެ. އެކަމަކު އެއް ކާމިޔަބީއަށް ދިހަ އަހަރު ވާއިރު، ހާލަތު އެއަށް ވުރެ ކުރިޔަށް ޖެހިލަންވާނެއެވެ. މިއީ ހަމަ އެންމެ މިސާލެކެވެ. ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކުންވެސް ފެންނަން އޮތީ މި މަންޒަރެވެ.

ފަހަރުގައި ސުވާލުކުރައްވަފާނެއެވެ. މިހާރު އާދެވިފައި މިތިބަ ހިސާބަށްވުރެ ކުރިޔަށް ދިޔުމަށް ދެން ހާސިލުކުރަންވީ ކޮންކަމެއް ހެއްޔެވެ؟ މި ސުވާލުކުރެވުނު ނަމަ، އެއިން ދޭހަވަނީ އަޅުގަނޑުމެންގެ ވިސްނުން ތަޅުލެވިފައިވާ މިންވަރެވެ.

އަޅުގަނޑުމެން، އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތީ، ހަލުވި ދުވެލީގައެވެ. ނަމަވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް އެރި ފަހުން، ދިވެހި މުޖުތަމަޢު ތަތްލައިފިއެވެ. އިތުރު ބަދަލެއް ނާދެއެވެ. އާދޭހެވެ! ޢުމްރާނީ ތަރައްޤީ އާއި އަރބަނައިޒޭޝަންގެ އޮއްވަރު ގަދައެވެ. ޢިމާރާތްތައް ކުރެވެއެވެ. މަގުތައް ހެދެއެވެ. ބަނދަރުތައް ކޮނެވެއެވެ. ނަމަވެސް އެކަންކަމަށް އަޅުގަނޑު ތަރައްޤީ އެކޭ ނުކިޔާނަމެވެ.

މުޖުތަމަޢެއްގެ ތަރައްޤީއަކީ، ދިރިއުޅުމައިގެން ކުރިޔަށް ދިޔުމަށް ހުރި ފުރުސަތުތައް އިތުރުވުމެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމާއި ފަސޭހަކަން އިތުރުވުމެވެ. ނަމަވެސް ދިވެހި މުޖުތަމަޢަކުން އިތުރު ފުރުސަތުތަކެއް ނުފެނެއެވެ. އުފެދުނު މައްސަލައެއް ނަމަ އެކަންތައްތައް ހުރީ ހައްލެއް ނުލިބި ފުނިޖެހިފައެއެވެ. ހުރި ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލެއް ނުކުރެވެއެވެ. ޚިދުމަތްތަކުން ފަސޭހައެއް ނުފެނުނު ތާގައި، ދިރިއުޅުމުގެ ތަކުލީފުތައް އިތުރުވީއެވެ.

އަޅުގަނޑުމެންނަށް މި ހާލަތުން އަރައިނުގަނެވިގެން މި އުޅެނީ، ’މޯލްޑިވިއަން ޑްރީމް’ގެ ސަބަބުންނެވެ. ހިތާހިތުން ކުރެވޭ ސުވާލަކީ، އަޅުގަނޑުމެންގެ ޅަ ދަރިންނާއި ޒުވާނުން އުއްމީދުގެ ކުލައެއް ނެތް ’ޑްރީމެއް’ގައި ދިރިއުޅެން މެދުވެރިވީ ކީއްވެ ހެއްޔެވެ؟ ޤައުމުގެ ލާބައާއި މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ވިސްނުން އެކުދިންގެ ހިތްތަކުން ނެތިކޮށްލީ ކޮންކަމެއް ބާވައެވެ؟ ތިމާ ދުށް މުޖުތަމަޢަށްވުރެ ރަނގަޅު މުޖުތަމަޢެއް ދޫކޮށްފައި ދިޔުމަށްޓަކައި ބަދަލަކަށް މަސައްކަތްކުރުމުގެ ހިތްވަރު ނެތުނީ ކީއްވެ ހެއްޔެވެ؟

އެނގިލައްވާނެ ފަދައިން، މަދަރުސީ ދުވަސްވަރު ކޮންމެ ދަރިވަރަކާ ކުރެވޭ ސުވާލެއް އޮވެއެވެ. އެއީ، ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށް، ނުވަތަ ކާކަށްތޯ ކުރެވޭ ސުވާލެވެ. ތަންކޮޅެއް ދޮށީ ޢުމުރުގެ ކުދިންކުރެ، ކިޔަވައި ނިމިގެން ކުރިޔަށް ދާން ބޭނުންވަނީ ކޮން ދާއިރާ އަކުންތޯ ކުރެވޭ ސުވާލެވެ. މި ސުވާލާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާލަމާ ހެއްޔެވެ؟

ދެ ސުވާލުގައިވެސް ވަނީ އަމިއްލައަށް ހާސިލުކުރާ ކަމެއް ނުވަތަ އަމިއްލަ ނަފްސުގެ ކުރިއެރުމުގެ ވާހަކައެވެ. ފުރަތަމަ ސުވާލުގެ މަފްހޫމަކީ، ބޮޑުވެގެން ހާސިލުކުރަން ބޭނުންވަނީ ކޮން މަޤާމަމެއް ނުވަތަ ކޮން ލަޤަބެއް ނުވަތަ ކޮން ވަޒީފާއެއް ހެއްޔެވެ؟ ދޮށީ ޢުމުރުގެ ކުދިންނާ ކުރެވޭ ސުވާލުގެ މަފްހޫމަކީ، ކިޔަވައި ނިމިގެން، (ތިމާ) އަމިއްލަ ނަފުސުގެ ކުރިއެރުން ހޯދަން ބޭނުންވަނީ ކޮން ދާއިރާއަކުން ހެއްޔެވެ؟ ދެ ސުވާލުގައިވެސް ކުއްޖާއާ ސުވާލުކުރެވެނީ އަމިއްލަ ކުރިއެރުމާ ގުޅޭގޮތުންނެވެ.

މި ސުވާލުގެ މައްސަލައަކީ ތޯއެވެ!؟ މި ސުވާލުގެ ސަބަބުން، ކުއްޖާގެ އެންމެ ތުއްތު އިރުން ފެށިގެން މުޖުތަމަޢާ މެދު ދެކެން ޖެހޭ ހުވަފެން ނަގައި އެއްލާލެވެނީއެވެ. އެންމެ ތުއްތު އިރުން ސުރެ އޭނާކުރެ އަޅުގަނޑުމެން އަހަނީ، އޭނާގެ އަމިއްލަ ނަފްސުގެ ވާހަކައެވެ. އަމިއްލަ ކުރިއެރުމުގެ ވާހަކައެވެ. އަންގައިދެވެނީ، ތިމަ ނޫނީ ވެސްނަންޖެހޭ އެހެން ކަމެއް ނެތް ކަމަށެވެ.

އެންމެ ތުއްތު އިރުން ފެށިގެން ކުއްޖާއާ ކުރިމަތިކުރި ސުވާލުގެ ޖަވާބުގައި އޭނާގެ އުއްމީދަކަށް ވަނީ ކޮންމެވެސް ލަޤަބެއް ނުވަތަ މަޤާމެއް ނުވަތަ ވަޒީފާއެއް ހާސިލުކުރުމެވެ. އެ އުއްމީދަކީ، އެންމެ ކުޑައިރުންސުރެ އޭނާ ދުށް ހަމައެކަނި ހުވަފެން ކަމަށްވުމުން، އެ ކަން ހާސިލުވީމާ، އޭނާގެ ދިރިއުޅުމުގެ މަޤުޞަދުތައް ހާސިލުވެއްޖެކަމަށް ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެއެވެ. ނަތީޖާއަކީ، ޒުވާނުންގެ އެންމެ އުފެއްދުންތެރި ދުވަސްވަރު ދިރިއުޅުމުގެ އުއްމީދުތައް ހުސްވުމުވެ. އުއްމީދަކީވެސް އަދި މަޤުޞަދަކީވެސް ވަޒީފާ އެއް ހޯދުންކަމަށް ވީތީ، އެ ކަން ހާސިލުވުމަށްފަހު، އޭނާ ނިސްބަތްވާ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ވިސްނުން ޒުވާނުންގެ ކިބައިގައި ނެތުމެވެ. ޚިދުމަތް ހޯދާ ފަރާތްތަކާއި މުޅި މުޖުތަމަޢުގެ ފަސޭހައަށްޓަކައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އުފެއްދުންތެރި ޚިޔާލާތު ނެރެ ތަންފީޒުކުރާވަރަށްވުރެ ކަންނެތްވުމެވެ. ތިމާ އަދާކުރާ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ނޫން އަމާޒެއް ނެތުމެވެ.

އެއަށްވުރެވެސް ބޮޑު މައްސަލައަކީ، ކުރިން މިދެންނެވި ސުވާލު، ނަފްސުގެ ހަނިކަމުގައި އިންތިހާއަށް ތާށިވެފައިވާ ފަލްސަފާއެއް ވިސްނުމުގައި އިންދައިދޭކަމެވެ. ތުއްތު ކުއްޖާގެ އެންމެ ޅަ އުމުރުން ފެށިގެން، ފުރާވަރާ ހަމަޔަށް އައިސް، ޝަޚުޞިއްޔަތެއް ލިބިގަންނަންދެން އޭނާގެ ދިރިއުޅުމުގެ މަޤުޞަދަކީ އަމިއްލަ ނަފުސަށް ކުރިއެރުންތަކެއް ހޯދައިދިނުންކަމަށް ވިސްނައިދިނުމަކީ ނުރައްކާތެރިކަމެކެވެ. ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށްތޯ ކުރެވޭ ސުވާލުގައި ނޭނގިނަމަވެސް ކުދިންނަށް ވިސްނައިދެވެނީ، ”ތިބާގެ ހަމައެކަނި ޒިންމާއަކީ ތިބާ“ ކަމަށެވެ. އޯލެވެލް ނިންމާލުމަށްފަހު ކޮލެޖަކަށް ދަރިވަރު ވަދެ، ސެޓްފިކެޓް ބޮނޑިއެއް އެއްކުރުމަށްފަހު ސަރުކާރު ނުވަތަ އަމިއްލަ އޮފީހަކުން ވަޒީފާއެއް ހޯދައި، ސައިކަލެއް ގަނެ، އަންހެން ކުއްޖަކާ ހިތާވެ، ކައިވެނިކޮށް، މުސާރައިގެ އަޅުވެތި ދިރިއުޅުމެއްގައި އުޅެ ފަސްދަށަށް ދިޔުން ނޫން ވިސްނުމެއް ޒުވާނުންގެ ކިބައިން ނުފެންނަނީ، މި ދެންނެވި ފަލްސަފާ އިންދައިދެވުމުގެ ސަބަބުންނެވެ. ނޭނގިނަމަވެސްމެއެވެ!

ހޭލައްވާށެވެ! އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލާ ގުޅޭގޮތުން އެ ކުދިންނާ ކުރިމަތިކުރެވޭ ސުވާލު ގޯހެވެ. ސުވާލު ގޯސްވީމާ، ޖަވާބުވެސް ރަނގަޅެއް ނުވާނެއެވެ.

ޅަކުދިންނާއި ފުރާވަރުގެ ކުދިންނާ ކުރަންޖެހޭ ސުވާލަކީ، މުސްތަޤުބަލުގައި، ދީނާއި ޤައުމަށްޓަކައި ޙާސިލުކުރަން ބޭނުންވަނީ ކޮން ކަމެއް ތޯއެވެ. ދީނާއި ޤައުމަށްޓަކައި ކޮށްދޭނީ ކޮންކަމެއް ތޯއެވެ. އެންމެ ތުއްތު އިރުން ފެށިގެން، އެ ކުއްޖެއްގެ އުމުރާގުޅޭގޮތުން މި ސުވާލުކުރާނަމަ، މި ސުވާލުކުރިމަތިކުރެވޭ ކުދިންނަކީ އިންގިލާބީ އުއްމީދުތަކެއްގެ ވެރިބަޔަކަށް ވާނެއެވެ. ދީނާއި ޤައުމަށްޓަކައި ޖޯޝުން ފުރިގެންވާ ލޭ ހިނގާ ވަރުގަދަ ޝަޚުޞިއްޔަތުތަކަށް ވާނެއެވެ. ވުމާއެކު އަވަސްވެ ލައްވާށެވެ! ގޯސް ސުވާލުގެ ބަދަލުގައި ރަނގަޅު ސުވާލުކުރާށެވެ! އޭރުން ތި އެދިލައްވާ ރަނގަޅު ޖަވާބު، އެ ކުދިން މާދަމާ ދޭނެއެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް