ބޭކާރު ވީ ކީއްވެ!؟

ފޮޓޯ: ޢަބްދުﷲ އަބީދު

ޤައުމުގައި އޮތީ މިއިން ދުވަހަކުވެސް ނެތް ފަދަ ޒުވާން އާބާދީއެކެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް، މުޅި އާބާދީގެ 47 އިންސައްތަ ފަންސަވީސް އަހަރަށް ވުރެ ހަގެވެ. ފަނަރަ އަހަރުން މަތީގެ (މަސައްކަތްކުރެވޭ ޢުމުރުގެ) އާބާދީގެ 61 އިންސައްތަ އަކީ ޢުމުރުން ތިރީސް ހަތަރު އަހަރުން ދަށުގެ ޒުވާނުންނެވެ. ނަމަވެސް، އަބާދީގެ ޒުވާންކަމާ މެދު ފަޚުރުވެރިވެވޭކަށް ނެތެވެ. ޒުވާން އާބާދީގެ ގިނަ ބަޔަކު ތިބީ އިޤްތިޞާދީ ގޮތުން ނިދާފައެވެ. ހަތް ހާހަށްވުރެ ގިނަ ޒުވާނުން މަސްތުވާތަކެތީގައި ބެދި ބިތްޖެހިފައެވެ. މި އޮތް ކުޑަ ޤައުމުގައި ވިއްސާއި ތިރީހާ ދެމެދުގެ އަދަދަކަށް ގޭންގުތައް ހަރަކާތްތެރިވެއެވެ. އެއިން ކޮންމެ ގްރޫޕެއްގައި ވިއްސާއި ހަތަރު ސަތޭކައާ ދެމެދުގެ އަދަދަކަށް ޒުވާނުން ޝާމިލުވެއެވެ.

އާބާދީގެ ޒުވާންކަން އެހާ ބޮޑަށް ފާހަގަކުނުކުރެވެނީވެސް އެ ސަބަބާ ހުރެކަމަށް ވެދާނެއެވެ. ކޮންމެއަކަސް، އާބާދީގެ ޒުވާންކަން ވީ ޤައުމުގެ ބަލި ފަޔަށެވެ. ޒުވާނުންގެ ބޭނުން ޤައުމަށާއި ޤައުމުގެ ތަރައްޤީއަށް ކިތަންމެ މުހިންމު ނަމަވެސް، މި އޮތް ބޮޑު ޒުވާން އާބާދީން އަޅުގަނޑުމެންނަށް ލިބުނު ފައިދާއެއް ނެތެވެ. ސުވާލަކީ، އެ ފައިދާ ނުލިބުނީ ކީއްވެ ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ! ޒުވާން އާބާދީއެއް އޮތުމަކީ އޭގެ ޒާތުގައި މުޖުތަމަޢަށް ފައިދާކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެއީ ’އޮޓަމެޓިކުން‘ ލިބެން ޖެހޭ ނުވަތަ ލިބޭނެ ފައިދާއެއް ނޫނެވެ. އަޅުގަނޑުމެންނަށް ޒުވާން އާބާދީއެއް އޮތުމުގެ ފައިދާނުކުރީ، ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ނުހެދުނީމައެވެ. ޒުވާނުންނަކީ މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމުގެ ޤާބިލުކަން ނެތި، އަޅުގަނޑުމެން ޤައުމެއްގެ ހައިސިއްޔަތުން ފެއިލްވުމުގެ ސަބަބުންނެވެ. އަޅުގަނޑު ހިތުން ތިއިން ކޮންމެ ބޭފުޅެއްގެ ޖަވާބަކީވެސް މިއެވެ.

އަރަތެކެވެ! ޅަދަރިންގެ ޢުމުރުން ވަރަށް ކުޑަ ކުޑަ އިރުން ފެށިގެން، ބާރަ އަހަރުގެ ތަޢުލީމު ހިލޭ ފޯރުކޮށްދޭ ޤައުމެއް؛ އެ ޤައުމުގެ ޒުވާނުންނަކީ ބިނާކުރަނިވި ބަޔަކަށް ހެދުމުގައި ’ފެއިލް’ވާންވީ ކީއްވެ ހެއްޔެވެ؟ އެހެން ވާނީ ކޮން ގޮތަކުން ހެއްޔެވެ؟ ޖަވާބު ހޯދަން ޖެހޭ މުހިންމު ސުވާލަކީ މިއެވެ.

ދިވެހި މުޖުތަމަޢުގައި އަށާރަ އަހަރު ފުރޭ ކޮންމެ ކުއްޖަކީ ގްރޭޑް ދިހައެއް ފުރިހަމަކޮށްފައިވާ ކުއްޖެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ. އެހެން ނޫންތޯއެވެ؟ އެކަމަކު އެއީ ކުށް ގަބޫލުކުރުމެކެވެ. ގަބޫލުކުރަން ދަތި ހަގީގަތް އޮތީ އެއާ ދިމާ އިދިކޮޅަށެވެ. ދިވެހިރާއްޖޭގެ އިންސާނީ ތަރައްޤީގެ ރިޕޯޓު 2014 ގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޒުވާނުން އެވްރެޖްކޮށް މަދަރުސާގައި ހޭދަކުރަނީ 5 އަހަރެވެ. މާނައަކީ، ފުރާވަރުގެ ކުދިންގެ ތެރެއިން، ފާހަގަކުރެވޭ ވަރުގެ އަދެއްގެ ކުދިން، އުމުރުން އެންމެ އެގާރަ ނުވަތަ ބާރަ އަހަރުގައި މަދަރުސާއިން ވީއްލެއެވެ.

ވޯރލްޑް ބޭންކުން ކުރި ދިރާސާއަކުން ދައްކާގޮތުން، ދިވެހިރާއްޖޭގެ، ޢުމުރުން ވިހި އަހަރާއި ނަވާވީސް އަހަރާ ދެމެދުގެ އާބާދީގެ ތެރެއިން، ގްރޭޑް ދިހައެއް ނިންމާފައިވާ މީހުންގެ ނިސްބަތަކީ 35 އިންސައްތައެވެ. ގްރޭޑް 12 ފުރިހަމަކޮށްފައިވާ މީހުންގެ ނިސްބަތަކީ އެންމެ 23 އިންސައްތައެވެ. ބާކީ 65 ނުވަތަ 77 އިންސައްތަ ކުދިން އެ ކުދިންގެ ފުރާވަރު ހޭދަކުރީ ކިހިނެއް ހެއްޔެވެ؟ ޢުމުރުން ބާރަ އަހަރުގައި މަދަރުސާއިން ވީއްލުމަށް ފަހު، އެ ކުދިން އުޅުނީ ކޮން ބައެއްގެ ބެލެހެއްޓުންތެރިކަމުގައި، ކޮން އެހީތެރިކަމެއް ލިބިގެން ހެއްޔެވެ؟ އެ ކުދިން ދިރިއުޅުން ބިނާކުރާނީ ކިހިނެއް ހެއްޔެވެ؟ ނޭނގެއެވެ!

ގްރޭޑް ދިހައެއް ނިންމާ ކުދިންގެ ވާހަކަތޯއެވެ؟ އުމުރުން ފަނަރަ އަހަރުގައި ގްރޭޑް ދިހައެއް ނިންމާ ދަރިވަރުންގެ ތެރެއިން 20 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްނުވެއެވެ. 5 އިންސައްތަ އެންމެ މާއްދާއަކުންވެސް ފާހެއްނުވެއެވެ. އޭލެވެލްއަށް ޝަރުތުހަމަވާ ވަރަށް ފާސްނުވުމުން، އެ ކުދިންވެސް ޢުމުރުން އެންމެ 15 އަހަރުގައި މަދަރުސާގެ ބެލެހެއްޓުންތެރިކަމުން ވީއްލުނީއެވެ. ފާސްވާ ކުދިންގެ ތެރެއިން، އޭލެވެލްއަށް ކިޔެވުން ކުރިޔަށްގެންދަނީ 27 އިންސައްތަ ކުދިންނެވެ. ބާކީ ހުރިހާ ކުދިންގެ ޝަޚުޞިއްޔަތު ބިނާކުރުމުގައި، މުޖުތަމަޢާއި ދައުލަތުގެ އެއްވެސް ބައިވެރިވުމެއް ނޯވެއެވެ. ބައިވެރިވުމަށް މަގުފަހިކުރާ ސިޔާސަތެއްވެސް ނެތެވެ.

ފުރާވަރުގެ ޢުމުރުފުރާގެ ކުދިންގެ ތިންވަނަ ބަޔަކީ، އޭލެވެލް އަށް ވަދެވޭ ވަރަށް ފާސްވާ ކުދިންނެވެ. 17 އަހަރުގައި އެ ކުދިން ގްރޭޑް 12 ނިންމައި، މަދަރުސާއިން ވީއްލުމަށް ފަހު ދެން ވާ ގޮތެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ، މަތީ ތަޢުލީމަށް ގުޅެނީ، އަހަރަކު އެންމެ 3 އިންސައްތަ ދަރިވަރުން ކަމެވެ. އަދި ހަމައެހެންމެ ވަޒީފާގެ ބާޒާރަށް ބަލާ އިރު، އޭލެވެލް ނިންމުމަށް ފަހު ޝަރުތު ހަމަވާ ވަޒީފާގެ ނިސްބަތް ހުރީ ވަޒީފާގެ ބާޒާރުގެ 10 އިންސައްތައަށް ވުރެ ދަށުގައެވެ.

މައްސަލައަކީ މިއެވެ. އަޅުގަނޑުމެން ދަންނަ ގޮތުން ޒުވާނުންނަކީ ޢުމުރުން އަށާރަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ މީހުންނެވެ. ސިޔާސަތުތަކާއި، ސަރުކާރާއި މުޅި ދައުލަތުގެ ފޯކަސް އަމާޒުވާ ބަޔަކީވެސް 18 އަހަރުވެފައިވާ ރައްޔިތުންނެވެ. މުޖުތަމަޢަށްވެސް މުހިންމުވަނީ 18 އަހަރުވުމުންނެވެ. ފުރާވަރުގެ ކުދިންނަކީ، ދައުލަތުގެ އެއްވެސް ސިޔާސަތެއް އަމާޒުވާ ބައެއް ނޫނެވެ. އެ ކުދިންނަށް ދެވޭ އެއްވެސް ސަމާލުކަމެއް ނޯވެއެވެ. އެކުދިން މަދަރުސާގައި އުޅުނެއްކަމަކު، އަސްލު ބޭނުންވާ އެހީތެރިން ލިއްބައެއްނުދެވެއެވެ. އަނެއްކޮޅުން، ފުރާވަރު ނުނިމެނީސް އެ ކުދިން މަދަރުސާއިން ވީއްލުމުން، މަދަރުސާއެއްގެ ބެލެހެއްޓުންތެރިކަމެއްވެސް އެ ކުދިންގެ މައްޗަކަށް ނުހިނގައެވެ.

އަދި ކިއެއް ހެޔެވެ؟ އެ ފަދަ ކުދިން ކޮބައި ކަމެއް، އަދި އެ ކުދިން ގެ ހާލަތަކީ ކޮބައި ކަމެއް، އަދި އެ ކުދިންގެ ދިރިއުޅުން ބިނާކުރަނީ ކިހިނެއް ކަމެއް ބަލަން ބޭނުންވާ ބަޔަކުވެސް މި މުޖުތަމަޢަކު ނެތެވެ. ކުރުކޮށް ބުނާ ނަމަ، އެ ކުދިންނަކީ ނެތް ބައެކެވެ. މުޖުތަމަޢު އެ ކުދިންނަކީ ތިބި ބައެއް ކަމަށް ނުދެކުނީމާ، އެ ކުދިން މުޖުތަމަޢާ ދޭތެރެއަކު ނުވިސްނާނެއެވެ. އެ ކުދިން އިޚުތިޔާރުކުރާނީ މުޖުތަމަޢާ އެކަހެރިކަމެވެ. މި މުޖުތަމަޢުން ފެންނަނީ އޭގެ ނަތީޖާއެވެ. އުމުރުން ސާދަ އަހަރާއި އަށާރަ އަހަރާ ދެމެދުގެ ފުރާވަރުގެ ކުދިންނަށް އެއްވެސް ސަމާލުކަމެއް ނުދެވުމުގެ ނަތީޖާއެވެ.

ދިވެހި މުޖުތަމަޢުގައި ’ގިނަ‘ ވެގެން މި އުޅެނީ އަޅުގަނޑުމެން، (އެ ކުދިންގެ ފުރާވަރުގައި) ’ބަކީކުރި‘ ކުދިންނެވެ. ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކާއި، ހިންގާ ގޭންގު ކުއްތަކާ ގުޅޭގޮތުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުން، ގޭންގުތަކުގައި ހިމެނޭ ގިނަ ޒުވާނުންނަކީ ޢުމުރުން ފަންސަވީސް އަހަރަށްވުރެ ހަގު ޒުވާނުންނެވެ. އޭގެ ތެރެއިން ގިނަ ކުދިން ގޭންގުތަކާ ގުޅުނީ ޢުމުރުން ފަނަރަ ނުވަތަ ސޯޅަ އަހަރުގައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ، ގޭންގަކަށް ނިސްބަތްވުމުން ޢާއިލާއަކަށް ނިސްބަތްވުމުގެ އިހުސާސްކުރެވުމެވެ. އަދި ގޭންގުތަކުގެ ތެރެއިން ރައްކާތެރިކަމާއި ހިމާޔަތް ލިބުމެވެ. އޭގެ އިތުރުން، ގޭންގުތަކުގެ ތެރެއިން މުޖުތަމަޢުގައި ފާހަގަކުރެވޭ އަދި ސަމާލުކަން ލިބޭ މަޤާމެއް ހާސިލުވުމެވެ.

ޒުވާންކަމަކީ ކުޑަ ކުއްޖެއްގެ ބަރޯސާކަމުން ވީއްލި، ހަރު މީހެއްގެ މިނިވަންކަމަށް ހިންދެމިލާ މަރުޙަލާއެވެ. ވުމާއެކު ޒުވާންކަމުގެ ފެށުމަކީ ކުޑަ ކުއްޖެއްގެ އަޅުވެތިކަމުން ވީއްލި، އަމިއްލަ ފައި މައްޗަށް ތެދުވަން ފަށުމެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެކަނި ބޭރަށް ނުކުންނަށް ފެށުމެވެ. ދިވެހި މުޖުތަމަޢަށް ބަލާއިރު، ޢާއްމުގޮތެއްގައި އެ މަރުޙަލާ ފެށެނީ ގްރޭޑް ހަތެއް ނުވަތަ ގްރޭޑް އަށަކާ ހަމައިންނެވެ. އެއީ ޢުމުރުން ސާދަ އަހަރާއި ފަނަރަ އަހަރާ ދެމެދެވެ. އަޅުގަނޑުމެން އެ ދުވަސްވަރަށް ކިޔަނީ ފުރާވަރެވެ.

ހަގީގަތަކީ، ޒުވާންކަމުގެ ފުރަތަމަ މަރުހަލާއަކީ ފުރާވަރެވެ. އިންސާނަކު، މުޖުތަމަޢުގައި އޭނާގެ މަޤާމު ކަނޑައަޅަނީ އެ ދުވަސްރުއެވެ. އޭނާގެ ޝަޚުޞިއްޔަތާއި ގަބޫލުކުރާ އުޞޫލުތައް ކަނޑައަޅައި، މަސައްކަތުގެ ދާއިރާ އިޚުތިޔާރުކޮށް، އެހެން މީހުންނާއެކު ގުޅުންތައް ބަދަހިކޮށް، މުޅި ޢުމުރަށް ދެމިގެންދާނެ (ލޯތްބާއި އަޅާލުންތެރިކަމުގެ) ގުޅުންތައް ޤައިމުކުރަނީ ފަރާވަރުއެވެ. ކުރުކޮށް ދަންނަވާ ނަމަ، އިންސާނާގެ ހަޔާތުގެ ބިންގަލަކީ ފުރާވަރެވެ. އެ ބިންގާ ކައްޗަށް އެއްޅިއްޖެނަމަ، ކެއްޗާ ހަމަޔަށް ނެގިޔަސް ހުންނާނީ ކައްޗަށެވެ.

ވުމާއެކު، ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހަދަން ބޭނުންނަމަ، (ހަމައެކަނި މައިންބަފައިންގެ ޒިންމާއަށް ދީލާނުލައި) މުޅި މުޖުތަމަޢާއި ދައުލަތުގެ ފަރާތުން ފުރާވަރުގެ ކުދިންނަށް ސަމާލުކަމާއި އަޅާލުން ދޭންޖެހެއެވެ. އެ ކުދިންނަކީ މުހިންމު ބައެއްކަން އިޙުސާސްކޮށްދީ، އެ ކުދިންނަށް ފުރުސަތު ދޭންޖެހެއެވެ. ފުރާވަރުގެ އުމުރުފުރާއަށް ސިޔާސަތު އަމާޒުކުރަންޖެހެއެވެ. މުޖުތަމަޢުން މަޤާމެއް ހޯދުމުގައްޔާއި، އަމިއްލަ އުޞޫލުތައް ކަނޑައެޅުމުގައްޔާއި، މަސައްކަތުގެ ދާއިރާ އިޚުތިޔާރުކުރުމުގައްޔާއި، ގުޅުންތައް ބަދަހިކުރުމުގައި އެހީތެރިވެދޭންޖެހެއެވެ. 18 އަހަރުވުމުގެ ކުރިން އެކަން ނުކުރެއްވިއްޖެނަމަ، 18 އަހަރާ ހަމަޔަށް ދާއިރު، އޭނާ ’އެހެން‘ މަގެއް އިޚުތިޔާރުކުރާނެއެވެ. ވަނީވެސް އެހެންނެވެ!

އެހެންކަމުން، ޒުވާނުންގެ ޤައުމީ ސިޔާސަތުގައި ޒުވާނުންނަކީ އަށާރަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ ރައްޔިތުންކަމަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، ފުރާވަރަކީ ޒުވާންކަމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މަރުޙަލާކަމުގައި ދެކި؛ އެންމެ ލަސްވެގެން ޢުމުރުން 15 އަހަރުން ފެށިގެން ހަމަ ކޮންމެ ޒުވާނަކަށްމެ ސަމާލުވާން ޖެހެއެވެ. ޒުވާންކަމަކީ އިންތިގާލީ މަރުހަލާއަކަށް ވީއިރު، ހަރުދަނާ ހަރު މީހުންނަށް ވާނީ، ރަނގަޅު ގޮތުގައި، މުޖުތަމަޢުގެ ބެލެހެއްޓުންތެރިކަމާއި އެހީތެރިކަމާއެކު ފުރާވަރު ކަޑައްތުކުރާ ޒުވާނުންނެވެ. ފުރާވަރު، މުޖުތަމަޢުން ރިވެތި މަޤާމެއް ދީ މުޖުތަމަޢުގައި ބައިވެރިކުރެވިއްޖެނަމަ، މުޖުތަމަޢަށް ޚިދުމަތްކުރުމުގައި މުޅި އުމުރަށް ދެމިހުންނާނެއެވެ.

ހަމަމިއާއެކު ބަދަލުވާންޖެހޭ އަނެއް ވިސްނުމެއްވެސް ވެއެވެ. އެއީ، ޒުވާނުން މުޖުތަމަޢަށް ޚިދުމަތްކުރުމަށް ހުރަސްއެޅޭ ހަމައެކަނި ސަބަބަކީ، ޚިދުމަތްކުރުމުގެ ގާބިލުކަން (މަޢުލޫމާތާއި ހުނަރު) ނެތުމުން ކަމަށް ގަބޫލުކުރާ ގަބޫލުކުރުމެވެ. އެހެނީ، އެއީ ހަމައެކަނި ސަބަބެއް ނޫނެވެ! ޒުވާނުންނާ ގުޅޭގޮތުން އ.ދ. އިން އެކުލަވާލި ރިޕޯރޓެއް ބުނާގޮތުން، ޒުވާނުން މުޖުތަމަޢުން އެކަހެރިވުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ، މުޖުތަމަޢުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތު ނެތުމެވެ. އަދި މުޖުތަމަޢުގައ ބައިވެރިވެ އުޅުމުގެ ޖާގަ ނުލިބުމެވެ. އެ ސަބަބަށްޓަކައި، ސިޔާސަތު ކަނޑައެޅޭއިރު، ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްވުރެ ބޮޑަށް، ޒުވާނުންގެ ބައިވެރިވުމަށް ހުރި ފުރުސަތަކާގުޅޭ ސިޔާސަޔުތަކަށް އިސްކަންދޭންޖެހެއެވެ. މަދަނީ ޙަރަކާތްތެރިކަމާއި ސިޔާސީ ބައިވެރިވުމާއި ހިލޭސާބަހަށް މަސައްކަތްކުރުމުގެ ފުރުސަތުތަކަށް ފަހިކުރަނިވި ސިޔާސަތުތައް، (މުޖުތަމަޢާމެދު ވިސްނަން ފަށާ) ފުރާވަރުގެ އުމުރުފުރާގެ ކުދިންނަށް ހުޅުވާލަންޖެހެއެވެ.

މި ނަޒަރުން ވިސްނާއިރު، ފުރާވަރުގެ ކުދިން ގިނަ ވަގުތު މަދަރުސާގައި ގެންގުޅުމުގެ ވިސްނުމަކީ މުޅިން ބަދަލުވާންޖެހޭ ވިސްނުމެކެވެ. އޭގެ ސަބަބުން އެ ކުދިންނާ މުޖުތަމަޢާ ދެމެދު އޮންނަ ގުޅުން ކެނޑެއެވެ. ބާރަ އަހަރު މަދަރުސާގައި ހޭދަކުރާ ކުއްޖާ، ސަތާރަ އަހަރު ފުރެންދެން މަދަރުސާގެ ހަތަރު ފާރުގެ ތެރޭގައި އުޅުމަށް ފަހު، މަތީ ފާސްތަކެއް ހިފައިގެން ނުކުތެއްކަމަކު، އެ ފާސްތައް ހޯދައިދިނުމަށް ކުރެވުނު ހޭދައިގެ މާނައެއް ނޯވެއެވެ. އެ ކުދިން އަމިއްލަ ނަފްސުގެ ހަނި ވިސްނުމުން ވީއްލި މުޖުތަމަޢާ ދޭތެރޭ ވިސްނަން ފެށި ދުވަސްވަރު، މުޖުތަމަޢު ތަޖުރިބާކުރުމުގެ ފުރުސަތާއި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމުން، ފަރާވަރުގެ ފަހު ކޮޅަށް އަޅާއިރު، މުޖުތަމަޢަށް ކުޑަވެސް ފަރުވާލެއް ނުހުރުމުގެ ސަބަބުންނެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އިންސާނާ، އޭނާ ނިސްބަތްވާކަމަށް އިޙުސާސްނުކުރެވޭ އުޞޫލުތަކެއް އަދި ވިސްނުންތަކެއް މުހިންމުކަމަށް ގަބޫލެއްނުކުރެވޭނެއެވެ.

ވުމާއެކު، ފުރާވަރުގެ ކުދިންނަށް މުޖުތަމަޢުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ދޭން ޖެހެއެވެ. އެ ކުދިންގެ އަޑުއެހުމަށް ސަމާލުކަންދޭން ޖެހެއެވެ. އެ ކުދިންނަށް ވޯޓުލުމުގެ ޙައްޤު ނެތެއްކަމަކު، ރަށާއި މަދަރުސާގެ ކަންކަމަކުގައި އެ ކުދިންގެ ޚިޔާލަށް އަހަން ޖެހެއެވެ. އެ ކަންކަމުގައި ބަސްބުނުމުގެ ޖާގަ ދޭން ޖެހެއެވެ. ރަށުތެރޭގައި ކުރާނެ ކަމެއް ނެތި ތިބޭ ފުރާވަރުގެ ޒުވާނުން ތޮށިމައްޗަށް ދޫކޮށްނުލައި، ހަރު މީހުން އެ މީހުންގެ މަސައްކަތުގައި އެ ކުދިން ބައިވެރިކުރުވަން ޖެހެއެވެ. މިއީ އެއްވެސް ޚަރަދަކާނުލައި ގެނެވިދާނެ ބަދަލެކެވެ.

ޙަޟާރަތެއްގެ ކުރިއެރުން ވަޒަންކުރެވޭ އެންމެ މުހިންމު މިންގަނޑަކީ، އެ މުޖުތަމަޢުގެ ހަމަ ކޮންމެ ފަރުދަކަށް މުޖުތަމަޢުގެ ކުރިއެރުމުގައި ބައިވެރިވުމަށް ލިބިދީފައިވަ ފުރުސަތެވެ. އެކަމަށް އޮތް ޖާގައެވެ. މުޖުތަމަޢުގައި ތިމާއަކީ މުހިންމު މީހެއްކަމުގެ އިޙުސާސްކުރެވޭނީ އެ ބައިވެރިވުމުގެ ތެރެއިންންވެ. ވުމާއެކު ޒުވާނުން ހަރުދަނާ ބަޔަކަށް ހަދަން ބޭނުން ނަމަ، ފުރާވަރަކީ ޒިންމާދާރު ފަރުދެއްގެ ބިންގާކަމަށް ދެކި، އެ ކުދިންނަށް ސާމަލުކަން ދޭން ޖެހެއެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް