ވަރަށް ބޮޑަށް އިހުމާލުވެވިފައިވާ ދާއިރާއެއް!

ފޮޓޯ: ޢަބްދުﷲ އަބީދު

މިއީ ސަމާލުވާން ޖެހޭ މުހިއްމު ކަމެއްގެ ގޮތުގައި ބަލައިގަންނާނީ ކިތައް މީހުންކަން އަޅުގަނޑަށް ޔަގީންނޫން ކަމުން؛ މި ލިޔުން ލިޔުމުގެ ކުރިން ތަކުރާރުކޮށް ވިސްނީމެވެ. އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވުނީ، މިއީ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަން ޖެހިފައިވާ މައުޟޫއެއް ކަމެވެ. އަޅުގަނޑުގެ ބަސް ބަލައިގަތުމާއި ބަލައިނުގަތުމަކީ މި ވާހަކަތައް ރައްދުވާ ފަރާތްތަކުގެ އަތްމަތީގައި ވާ ކަމެކެވެ. އެހެންކަމުން، މައުޟޫއައިގެން ކުރިޔަށް ދާނަމެވެ.

ކާރިސާތައް އަޅުގަނޑުމެންނަށް ވިސްނިފައިވަނީ، އިންސާނީ ބާރު ނުފޯރުވޭ، (އިލާހީ ޤާނޫނުގެ ދަށުން މެދުވެރިވާ) ޤުދުރަތީ ކަންތައްތަކެއްގެ ގޮތުގައެވެ. ނަމަވެސް މިއީ ހާދިސާ ގެ މަފްހޫމެވެ. ކާރިސާ ގެ މަފްހޫމެއް ނޫނެވެ.

އަޅުގަނޑުމެންނާ ކުރިމަތިވާ ހާދިސާއެއް ކާރިސާއަކަށް ބަދަލުވަނީ، އެ ހާދިސާއަކުން ލިބުނު ގެއްލުން ވަކި މިންވަރަކަށް ދިޔުމުންނެވެ. މިސާލެއް ދަންނަވާކަމަށްވާ ނަމަ، ހަމަ ޔަގީނުންވެސް އެންމެ އެކަށޭނަ މިސާލަކަށް ވާނީ ސުނާމީ ކާރިސާއެވެ. 26 ޑިސެމްބަރު 2004 ގައި އަޅުގަނޑުމެން ތަޖުރިބާކުރި ސުނާމީ އަޅުގަނޑުމެންނަށް ކާރިސާއަކަށް ވީ، ސުނާމީ އޭ ކިޔުނު ރާޅުގެ ސަބަބުން ފުރާނައަށާއި ދިރިއުޅުމަށާއި ތަރައްޤީއަށް ލިބުނު ގެއްލުންތަކުގެ ބޮޑު ކަމުންނެވެ. އެ ރާޅު، ފަޅުރަށަކަށް އަރައި އެ ރަށް އެއްކޮށް ’ދޮވެލި‘ ނަމަވެސް އެކަން ކާރިސާއަކަށް ނުވީހެއެވެ. މި ހާލަތުގައި ސުނާމީ ވީހީ ހާދިސާއަކަށެވެ. ކާރިސީ ހިރާސް ބެލެހެއްޓުމުގެ ދާއިރާ (Disaster Risk Management) ގައި މި ފަދަ ހާދިސާތަކަށް ކިޔެނީ އަރައްކާ (Hazards) އެވެ. ސުނާމީ ފަދަ ޤުދުރަތީ އަރައްކާތަކަކީ (Natural Hazards) މީގެ ތެރެއިން އެއް ބާވަތެވެ.

މި ފަދަ އަރައްކާތަކަކީ އިންސާނީ ބާރު ނުފޯރުވޭނެ ކަންތައްތަކަކަށް ވީ ނަމަވެސް، އެކަންކަން ބަރުދާސްތު ކުރުމުގެ ގާބިލުކަން އުފައްދައި، (ވެއްޓުމުން އަލުން ތެދުވެ ޢާއްމު ހާލަތަށް ރުޖޫޢާވުމަށް ބުނެވޭ) ވިލުމުގެ ގާބިލުކަން (Resilience) އިތުރުކުރުމަކީ އިންސާނުންނަށް ކުޅަދާނަކަން ލިބިގެންވާ ކަމެކެވެ. ވުމާއެކު ގުދުރަތީ އަރައްކާތައް ބޮޑެތި ކާރިސާތަކަށް ބަދަލުވިޔަނުދިނުމަކީ ކުރެވިދާނެ ކަމެކެވެ.

ސުނާމީ ކާރިސާގެ ކުރިން، ސުނާމީ ފަދަ އަރައްކާތަކެއް ދިވެހިން ނުދަނެއެވެ. އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބީ، ދިވެހިންނަށް ބޮޑު ކާރިސާއެއްގެ ބިރުވެރިކަމެއް ނެތް ކަމަށެވެ. ސުނާމީ އަށް ފަހު އަޅުގަނޑުމެންގެ އެ ވިސްނުން ބަދަލުކުރަން މަޖުބޫރުކުރުވި ނަމަވެސް، އެއީ ’ހާލަކުން ފަހަރަކު ދިމާވާ‘ ކަމަކަށްވެފައި؛ ދިވެހި ރާއްޖެއަށް ކުރިމަތިވެދާނެ އަރައްކާތައް އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވުމުން، ދިވެހިރާއްޖެ ނާޒުކު ރާއްޖެއަކަށް ވީ ކިއްވެތޯ ސުވާލު އުފައްދާ ރައްޔިތުން ވަރަށް ގިނައެވެ.

ހަގީގަތަކީ، ނާޒުކުކަން ވަޒަންކުރާ މިންގަޑަކީ (ކުރިމަތިވާ ނުރައްކަލުން ލިބޭ) ގެއްލުމެވެ. އެހެންކަމުން މާ ގިނަ ނުރައްކާތަކެއް ކުރިމަތިނުވި ނަމަވެސް، ކުރިމަތިވާ އެންމެ ނުރައްކަލަކުން ހަލާކުވާ އެއްޗަކީ ނާޒަކު އެއްޗެކެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ އެފަދަ ރާއްޖެއެކެވެ.

ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާ އިރު، 90 އިންސައްތަ ރަށަކީ 1.5 މީޓަރަށްވުރެ ތިރި؛ 1 އަކަކިލޯމީޓަރަށް ވުރެ ކުޑަ ރަށްތަކެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ބިނާކުރެވިފައިވާ ގޮތަށް ރިޢާޔަތްކޮށް މުޅި ޤައުމުގެ ހުރިހާ ޢުމްރާނެއް ޖަމްޢުކޮށް ބަލާއިރު، (ރިޕޯޓުތައް ބުނާގޮތުން) 44 އިންސައްތަ ޢުމްރާނު ހުރީ ގޮނޑުދޮށާ 100 މީޓަރަށް ވުރެ ކައިރީގައެވެ. މީގެތެރޭގައި، ސިއްޙީ، ތަޢުލީމީ، އިދާރީ އަދި މީނޫންވެސް ޢާއްމު އިޖުތިމާޢީ ބޭނުންތަކަށް ބޭނުންކުރެވޭ ޢިމާރާތްތަކާއި ގޮދޮރުގެ 47 އިންސައްތައާއި ފަތުރުވެރިކަމުގެ ޢުމްރާނުގެ 99 އިންސައްތަ ހިމެނެއެވެ.

ކަން މިހެން އޮތުމުން، ދިމާވާ އެންމެ ހާދިސާއެއް އަޅުގަނޑުމެންނަށް ބޮޑު ކާރިސާއަކަށް ބަދަލުވުމުގެ ފުރުސަތު ނުހަނު ބޮޑެވެ. އަޅުގަނޑުމެން ނާޒުކު ބަޔަކަށްވާ އެންމެ މައިގަނޑު ސަބަބަކީ ދިރިއުޅުމުގައި އެންމެ ގޮތެއް އޮތުމާއެކު އެ ގޮތް އެއްތަނަކަށް ޖަމާވެފައި ހުރެމެ، އެ ގޮތް، ނުރައްކަލަށް ހާސާ (Expose) ވެފައިވުމެވެ. ވުމާއެކު، މިއިން އެންމެ ކަމެއް ދިމާވާ ހަމަ އެންމެ ފަހަރަކު، ހާސިލުކުރެވިފައިވާ ހުރިހާ މުއްސަނދިކަމެއް ނުރައްކަލަށް ހުށައެޅި، ދެން ހެދޭނެ އެއްވެސް ގޮތެއް ނެތި ހަތަރު އުދަރެސް ފެނު ޖެހޭނެކަމީ ހަގީގަތެކެވެ. އެހެނީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ އަސާސީ ކަންކަން ކަމަށް ވާ، ބޯހިޔާވަހިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތް މި ހުރީ ރާޅުތައް ފޯރާފަށުގައެވެ. ވުމާއެކު، އެ ފަދަ އަރައްކާއެއްގެ ސަބަބުން، 50 އަހަރު ފަހަތަށް ސޮއްސާލައި، އެ ހިސާބުން އަލުން ފެށުން ނޫން އެއްގޮތެއްވެސް، މިއަދުގެ ހާލަތަށް ބަލާއިރު ނެތެވެ.

އަޅުގަނޑުމެންގެ ނާޒުކުކަން އިތުރުވާ ދެވަނަ ސަބަބަކީ، އަޅުގަނޑުމެންގެ އަތުގެ އިނގިލިން ގުނާލެވޭ ލިސްޓުގައި ހުރީ ސުނާމީގެ އިތުރުން، އުދައެރުމާއި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުން ފަދަ މޫސުމީ ކަންކަމާއި ފެން އެކުވުމުން ކުރިމަތިވާ ފެންސުމީ އަރައްކާތައް (Hydrometeorological Hazards) އެކަންޏެވެ. އިޖުތިމާއީ ޤުދުރަތީ އަރައްކާތަކަކީ (Socio-natural Hazards) ކާރިސާތަކުގެ ހާލަތަށް ބަދަލުވުމަށް، ނިއުޅެމުން ފުރޮޅެމުންދާ އަރައްކާތަކެއްކަން އެކަކުވެސް ނުދަނެއެވެ. ޤައުމުގައި ހުރި މަދު ވަސީލަތްތައް ދެމެހެއްޓޭނެ ގޮތްތަކަކަށް ވިސްނުމެއް ނެތި ބޭނުންކުރެވުމުގެ ސަބަބުން އެ ވަޞީލަތްތައް ހުސްވެ، އެހެން ގޮތެއް ނެތް ހާލަތަކަށް ހުށައެޅެމުންދާ ކަމެއް ނޭނގެއެވެ.

އެ ފަދަ އެއް މައްސަލައަކީ ފެނުގެ ހާލަތެވެ. މުޅި އާބާދީގެ 54 އިންސައްތަ ބޯން ބޭނުންކުރާ ފެނުގެ މަޞްދަރަކީ ވާރޭ ފެނެވެ. އަތޮޅުތެރޭގައި މި ނިސްބަތް ހުރީ 87% ގައެވެ. ނަމަވެސް ވަރޭ ނުވެހި ހޭދަވާ މުއްދަތު ދިގުވުމުގެ ސަބަބުން 2013 ވަނަ އަހަރާ ހަމަޔަށް 81 ރަށަކަށް އަހަރަކު، އެއް ފަހަރު ފެން ފޯރުކޮށްދޭން ޖެހިފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ފެން ފޯރުކޮށްދޭން ޖެހޭ ރަށްތަކުގެ ލިސްޓު، ކޮންމެ އަހަރަކުވެސް، އޭގެ ކުރީ އަހަރަށް ވުރެ އިތުރުވަމުންދެއެވެ. ވާރޭ ފެން ނުލިބިއްޖެނަމަ، 28 ރަށެއް ފިޔަވައި ދެން ހުރި ހުރިހާ ރަށްތަކެއްގައި ފެން ލިބޭނެ ހަމަ އެކަނި ވަސީލަތަކީ ރަށުގެ ފެން ފަށަލައެވެ. ނަމަވެސް މި ރަށްތަކުގެ ތެރެއިން ބުއިމަށް ބޭނުންކުރުމަށް އެކަށީގެންވާ ފެން ފަށަލައެއް އޮތީ އެންމެ 39 ރަށުގައިކަން، 2004 ވަނަ އަހަރު ޢާއްމުކުރެވުނު ރިޕޯޓެއްގައި ވެއެވެ. 2016 ވަނަ އަހަރަށް ބަލާއިރު މި ހާލަތު އަދި މާ ގޯސްވެފައިވެއެވެ.

މި ހާލަތަށް ރިޢާޔަތްކުރުމުން، އަޅުގަނޑުމެންނަށް ނޭނގި، (މަޑުމަޑުން) ފެނުގެ ކާރިސާއަކަށް ހުށައެޅެމުން ދާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިގެ އެއް ހާލަތު އަޅުގަނޑުމެން، ތަހައްމަލުވެސް ކޮށްފީމުއެވެ. ނަމަވެސް، މިއަދުވެސް މާލޭގައި ފެން ރައްކާކުރެވެނީ އެންމެ 24 ގަޑިއިރަށް ފުދޭ ވަރަށެވެ.

ހަމަ މިފަދަ އަނެއް މައްސަލައަކީ ބިމުގެ މައްސަލައެވެ. މިއަދަށް ބަލާއިރު 34 ރަށެއް ވަނީ، އެއްވެސް ހުސް ބިމެއް ނެތި، އެއްކޮށް ފުރިފައެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް އިތުރު 12 ރަށް މި ލިސްޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އާބާދީ އިތުރުވެ ރަށްތައް ފުރެމުންދާ އިރު، ރަށްގިރުމުގެ މައްސަލަ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 97 އިންސައްތަ ރަށަށް ކުރިމަތިވެފައި ވެއެވެ. އޭގެ ތެރެއިން 64 އިންސައްތަ ރަށުގައި ރަށް ގިރުމުގެ މައްސަލަ އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައެވެ.

މިއަށްވުރެ އަދި މާ ނުރައްކާތެރި އެހެން ކަމެކެވެ. ސޭފް ނެވިގޭޝަން ލައިންއިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އިންޑިއާ ކަނޑުގެ އަނެއް ބިތަށް ދަތުރުކުރާ ބޮޑެތި ތެޔޮ ޓޭންކަރުތަކުން ތެޔޮ ލީކުވެ، ކުރިމަތިވެދާނެ ބޮޑު ގެއްލުން ދެނެ ތިބީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ މި ކަމަކީ ތަޞައްވުރުވެސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަން އެތައް ރިޕޯޓެއްގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް މުޖުތަމަޢުގެ އެއްވެސް ހިސާބެއްގައި މި ނުރައްކާ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. ވުމާއެކު އެފަދަ ހާލަތަކާ ކުރިމަތިލާނެ އެއްވެސް ވަސީލަތަކާއި ގާބިލުކަމެއް އަޅުގަނޑުމެންނަކަށް ލިބިގެނެއް ނުވެއެވެ.

އާދޭހެވެ! އަޅުގަނޑުމެންނަކީ ނާޒުކު ބައެކެވެ. އަރައްކާތަކަށް ހާސާވެފައި ވާ ބައެކެވެ. ދިރިއުޅުމަށް ހުރި މަދު ގޮތްތައް ނުރައްކަލަށް ހުށައެޅިފައިވާ ކަމުން، އަޅުގަނޑުމެންނަށް ދިމާވާ އަރައްކާއެއްގެ ސަބަބުން، އެހައިތަނަށް ދިރިއުޅުމަށް ކުރެވިފައި ހުރި ހުރިހާ ކަމެއް ބަނގުރޫޓުވެ، ލިބޭ ގެއްލުން އެތައް ގުނަޔަކަށް އަރައިގެން ދާނެއެވެ. އަދިހަމަ އެހެންމެ ކާރިސާއަކަށް ފަހު އެކަމުން އަރައިގަތުމުގެ ގާބިލުކަން ނެތުމުން، އަލުން ޢާއްމު ހާލަތަށް ރުޖޫޢަވުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި އިންތިހާއަށް ކުޑައެވެ.

މިހާރު ތި އުފައްދަވާ ސުވާލު އަޅުގަނޑަށް އިވެއެވެ. މި ނޫންގޮތެއް އަޅުގަނޑުމެންނަށް އެބަ އޮތް ހެއްޔެވެ؟ އާދޭހެވެ! އަރައްކާތައް ނުހުއްޓުވުނު ނަމަވެސް، އަދި އެ ފަދަ ކަމަކުން ލިބޭ ގެއްލުން މުޅިން މަތަ ނުކުރެވުނު ނަމަވެސް؛ ލިބޭ ގެއްލުން ކުޑަކުރެވިދާނެއެވެ. ވިލުމުގެ ޤާބިލުކަންވެސް އިތުރުކުރެވިދާނެއެވެ. ކުރިން މިދެންނެވުނު ހާލަތު އެހެން އޮތީ އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ނާޒުކުކަން ވަޒަންނުކުރެވި ދުރަށް ވިސްނައި އެފަދަ ހާލަތަކަށް ތައްޔާރުވެވިފައި ނުވާތީއެވެ.

މިހާރު ސުވާލަކަށް ވާނީ ދެން ކުރަންވީ ކަމެކެވެ. ކުރަންވީ ކަމަކީ އާބާދީ އެއްފަސްކުރުން ހެއްޔެވެ؟ ނުވަތަ ކޮންމެ ޢާއިލާއަކަށް ވަކި ގެއެއް އެޅުމުގެ ބަދަލުގައި ފްލެޓްތަކުގެ ކޮންސެޕްޓަކަށް އިސްކަންދިނުން ހެއްޔެވެ؟ ހުރިހާ ރަށެއްގައި ތޮށިލުން ހެއްޔެވެ؟ ނުވަތަ ބިންހިއްކައި ބިން ބޮޑުކުރުން ހެއްޔެވެ؟ ތެޔޮ ޓޭންކަރުތައް ރާއްޖޭގެ ސަރަޙައްދަށް ވަނަ ނުދިނުން ހެއްޔެވެ؟ ބަންދުކުރެވިފައިވާ ފެން ބޭނުންކުރުމުގެ އާދަ އުފަންކުރުން ހެއްޔެވެ؟ ނުވަތަ ފެން އުފައްދާ ޕްލާންޓުތައް ގާއިމުކޮށް ފެނުގެ ނިޒާމުތައް ގާއިމުކުރުން ހެއްޔެވެ؟

މިއީ މި ވަގުތު ޖާވަބުދިނުން ފަސޭހަ ސުވާލުތަކެއް ނޫނެވެ. އެހެނީ މިއީ ވަރަށް ބޮޑަށް ދިރާސާކުރެވި، މުޅި ދައުލަތުގެ އެކި ފަންތިތަކުގައި ފުން މަޝްވަރާތަކަކަށް ފަހު މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ނިންމެން ޖެހޭ ނިންމުންތަކެކެވެ. އަޅުގަނޑުގެ މައިގަނޑު ނުކުތާއަކީ މިއީއެވެ. ދިވެހިރާއްޖޭގެ ނާޒުކުކަން ނޭނގި، ނުވަތަ އެނގިތިބެމެ އަތް އުރާލައިގެން ނުތިބެ، އެ ކަމަށް އިސްކަމެއް ދީ، މުޅި މުޖުތަމަޢު އެކަމުގައި މަޝްޣޫލުވެ ވިސްނުންތަކެއް ވިސްނައި، ކުރިން މި ދެންނެވި ސުވާލުތަކަށް ޖަވާބު ހޯދަން ޖެހެއެވެ. މިއަދުގެ ހާލަތަކީ ބަދަލުކުރެވިދާނެ ހާލަތެއްކަން ގަބޫލުކޮށް އެކަމަށް މަސައްކަތްކުރުމަށް މިއަދުން މިއަދަށް އަވަސްވެގަންނަން ޖެހެއެވެ.

އަޅުގަނޑުގެ މެސެޖަކީ މިއީއެވެ. ކާރިސީ ހިރާސްތައް ކުޑަކުރުމަކީ އެންމެ މުހިންމުކަން ކުޑަ ދާއިރާގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށް، ގުދުރަތީ ވަސީލަތްތައް ހުސްވެދާނެކަން ދެނެގަނެ، ދެން ހަދާނެ ގޮތްތަކެއް ހިތް މައްޗަށް ގެނެސް އެ ކަންކަމަށް މިއަދު މަސައްކަތްކުރަން ޖެހެއެވެ. ރައްޔިތުންގެ ޕްރެޝަރާ ހުރެ ވަކި މަގުސަދަކަށްޓަކައި ބިން ހިއްކުން ފަދަ މަޝްރޫޢުތަކަށް އަވަސްވެގަތުމުގެ ބަދަލުގައި، ހުރިހާ ރަށްތަކެއްގެ ހާލަތު ވަންޒަންކޮށް، ރައްޔިތުންގެ ބައިވެރިވުމާއެކު ދުރަށް މިސްރާބު ހިފޭ ވަކި ތަރުތީބަކުން ބިން ހިއްކުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމު ގައިމުކުރުމާއި ކަނޑުތޮށިލުން ފަދަ މަޝްރޫޢުތައް ކުރިޔަށް ގެންދަން އިސްކަންދޭން ޖެހެއެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުން ހަމައެކަނި ފޫގޮސްފައިވާ ތަންކޮޅު ބައްދާލުމުގެ އުޞޫލު ދޫކޮށްލައި، ކުރިން ބަޔާންކުރެވުނު ހާލަތްތަކަކީ ދިމާވެދާނެ ހާލަތްތަކެއްކަން ގަބޫލުކޮށް އެ ހާލަތަށް މިއަދު ތައްޔާރުވާންޖެހެއެވެ. މިއީ، 2017 ވަނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައި، ގަވަރުނަރު ވެސް މެމްބަރުންގެ ސަމާލުކަމަށް ގެންނަވާފައިވާ ވާހަކަފުޅެކެވެ.

ހަމަމިއާއެކު، ބަޖެޓުގައި އެންމެ ފަހުން ހިމެނޭ ދާއިރާއަކީ ވިލުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް ނުހަދައި، ވެއްޓުމުން ތެދުވެ ކުރިޔަށް ހިނގައިގަތުމުގެ ގާބިލުކަން އުފެއްދުމަށް ބޮޑު ސަމާލުކަމެއް ދީ، ރައްކާތެރި ރަށްތަކެއް ފާހަގަކޮށް ކާރިސާގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ސަރަހައްދުތައް، މުޅި އާބާދީއަށް ފަސޭހައިން ވާސިލުވެވޭނެ ހިސާބުތަކެއްގައި ގާއިމުކުރުމަށް އިންވެސްޓުކުރަން ޖެހެއެވެ. ކާރިސާއަކުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރުވާ، ކާރިސާއެއްގެ ހާލަތުގައި އަމަލުކުރާނެ ގޮތްތަކަށް މުޅި ދައުލަތް އަހުލުވެރިވެ، ކާރިސާތައް ބަރުދާސްތުކުރުމުގެ ގާބިލުކަން އުފައްދަން ޖެހެއެވެ. ގުދުރަތީ މުއްސަނދިކަމާ ސީދާގޮތުން ގުޅިފައިވާ އެންމެ ޞިނާޢަތަކަށް. ހަތަރު ލައްކަ މީހުންގެ އާބާދިއެއް ބަރޯސާވުމުގެ ބަދަލުގައި، އާމްދަނީ ލިބޭނެ އެހެން ގޮތްތަކެއް ފަހިކުރަން ފައިސާ ހޭދަކުރަން ޖެހެއެވެ. ކާރިސާއެއް ދިމާވުމުން ދެތުވެ ހިންދެމިލާ، އެތައް ތަނެއް ފަހަތުން ފަށަން ނުޖެހި، ވެއްޓުނު ހިސާބުން ކުރިޔަށް ދިޔުމަށް މިއަދު ތައްޔާރުވާން ޖެހެއެވެ.

އާޚިރުގައި ދަންނަވަން ޖެހެނީ، މި ހުރިހާ ކަމަކަށް މަދުވާ އެއްޗެއްގެ ވާހަކައެވެ. އާދޭހެވެ! ސިޔާސީ ނިޔަތެވެ. އެތައް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން، މި ދާއިރާއިން ދިވެހިރާއްޖެއަށް ހުރި ބޮޑެތި ގޮންޖެހުންތައް ކުޑަކުރަން ބޭނުންވާ އެއްޗަކީ ސިޔާސީ ނިޔަތާއި ގަސްދެވެ. ސިޔާސަތު މި ކަމަށް ސީދާކުރުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ވިލުމުގެ ގާބިލުކަން އުފައްދައި އިތުރުކުރުމަށް ހޭދަކުރާ 1 ރުފިޔާގެ ސަބަބުން މާދަމާ 3 ރުފިޔާ ސަލާމަތް ކުރެވޭނެކަން ގަބޫލުކޮށް ސިޔާސަތު ކަޑައެޅުމުގައި މި ކަން ހަނދާން ބެހެއްޓުމެވެ.

ނޯޓު: މި ލިޔުމުގެ ހުރި ތަފާސް ހިސާބުތަކަކީ، ޢާއްމުކޮށް ލިބެން ހުރި ޑާޓާގެ ތެރެއިން އެންމެ ފަހުގެ މަޢުލޫމާތެވެ. އެ ޢަދަދުތައް މިއަދު ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މުޅި މަންޒަރަށް އެއްވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަން، ”ސްޓޭޓް އޮފް ދި އެންވާރްމަންޓް ރިޕޯޓް 2016“ އިން އެނގެއެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް