ބޭނުންވަނީ ތަރައްޤީ ހެއްޔެވެ؟

ފޮޓޯ: ޢަބްދުﷲ އަބީދު

”ތަރައްޤީ“، މި ބަހުގެ މަފްހޫމަކީ ކުރިއެރުމެވެ. އެއް ޙާލަތުން، އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމެވެ. ވުމާއެކު، އިންސާނާގެ ހަށިގަނޑުގެ ހެދި ބޮޑުވުމަކީވެސް ތަރައްޤީއެވެ. އިންސާނެއްގެ ޢުމުރާއި ޖިސްމާނީ ހެދި ބޮޑުވުމާ ގުޅޭގޮތުން، އޭނާގެ ވިސްނުމާއި ފިކުރަށް؛ ޢަމަލުތަކާއި މުޢާމަލާތުތަކަށް އަންނަ ކުރިއެރުމަކީވެސް ތަރައްޤީއެވެ. މިއަށް ވުރެ ތިލަކޮށްލާ އިރު، ކިޔަވާ ދަރިވަރަކު އެއް ކިލާހުން އަނެއް ކިލާހަށް ބަދަލުވާ ބަދަލުވުމަށްވެސް ތަރައްޤީއޭ ކިޔިދާނެއެވެ. އަދި ހަމަ އެހެންމެ، ވަކި ފަރުދެއްގެ އާމްދަނީއަށް އިތުރުވާ އިތުރުވުމަށާއި، ވަޒީފާގެ ކުރިއެރުންވެސް، ކުރިން ބުނެވުނު މަފްހޫމްގެ ތެރޭގައި ހިމެނެއެވެ. މިފަދަ އެތައް މާނައެއް ހަމަ މި މަފްހޫމްގެ ތެރެއަށް އިތުރުވެސްކުރެވިދާނެއެވެ.

ނަމަވެސް މި މަޒުމޫނުގައި ތަރައްޤީ މާނަކުރާނީ، މުޖުތަމަޢޭ ކިޔުނު އިންސާނީ ބައިގަނޑަކަށް ނިސްބަތްވާ ވަކިވަކި ފަރުދުންތައް ޖަމްޢުކޮށް، އެއިން ކޮންމެ މީހެއްގެ ދިރިއުޅުމުގެ ޙާލަތަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިންސާނީ ތަރައްޤީގެ މާނައިގައެވެ. ދިވެހި ބަހުގައިވެސް ”ތަރައްޤީ“، މި ލަފްޒު ބޭނުންކުރެވެނީ މި މާނައިގައެވެ. އެހެންކަމުން، މިއީ އަޅުގަނޑުމެންގެ ވިސްނުމާ ބީރަށްޓެހި، ދޭހަ ކުރަން އުނދަގޫ މާނައެކޭ ނުދެންނެވޭނެއެވެ.

އެހެންކަމަށްވާނަމަ، ތަރައްޤީގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ ކުރިންވެސް ބުނެވުނު އާމްދަނީއަށް ލިބޭ ކުރިއެރުންތޯއެވެ؟ ނުވަތަ ތަފާތު ކުލަތަކާއި ފަރުމާތަކުގެ ބިނާތަކުން ޒީނަތްވެފައިވާ، ރަށްތަކުގެ މަލަމަތިތޯއެވެ؟ ނޫންނަމަ، ތާރު އަޅާ އޮމާންކުރެވިފައިވާ މަގުތަކާއި، އެ މަގުތަކުގެ އަޑީގައި ވަޅުލެވިފައިވާ ނަރުދަމާ ނިޒާމުތައްތޯއެވެ؟ ބޮޑުހިލަ ޖެހި ބަނދަރުތަކާއި ރަބަރު ވިނައިގެ ދޫލަތައް ފަތުރާލެވިފައިވާ ކުޅިވަރު ދަނޑުތައްވެސް ހަމ މި ލިސްޓުގައި ހިމެނޭތޯއެވެ؟ ނުވަތަ މި ލިސްޓު މިއަށްވުރެވެސް ދިގުވާނެތޯއެވެ؟

މި ސުވާލުތަކަށްވުރެ ކުރިން ދެނެގަންނަން ޖެހޭ، އަދި ހަނދާންކުރަން ޖެހޭ ޙަޤީގަތަކީ، އިންސާނާއަކީ މުދަލާއި ކުރިއެރުމާއި ފަސޭހައަށް ލޯބިކުރުން ބޮޑު މަޚްލޫޤެއްކަމެވެ. ދުނިޔެ ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އެ އިންސާނާ މަޝްޣޫލުވެފައިވަނީ ކުރިއެރުމާއި ފަސޭހަކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައެވެ. އޭގެ ތެރެއިން ބައެއް ޒަމާންތަކުގައި، ތަރައްޤީއަށްޓަކައި ކުރެވުނު ހަނގުރާމަތަކާއި ހިންގުނު ލޭއޮހޮރުވުންތައްވެސް ތާރިޚު ދެކެފައިވެއެވެ. އާދޭހެވެ! ވައްތަރުގެ ގޮތުން ކިތަންމެ އެއްގޮތް ނަމަވެސް، ކޮންމެ އިންސާނަކީ ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ އެދުންތަކާއި ކަންބޮޑުވުންތައް، އަނެކާގެ އެ އިހުސާސްތަކާ މުޅިން ތަފާތުވާނެއެވެ. ހަމަ އެއް ހާލަތެއްގައި، ތިމާއަށް މުހިންމުވާ ކަންތައްތައް އަނެކާއަށް މުހިންމު ނުވެދާނެއެވެ. މުހިންމުވުން ލާޒިމެއްވެސް ނޫނެވެ. ފަހަރުގައި އެކަންކަމަކީ އަނެއް މީހާގެ ކުރިމަތީގައި ބޭކާރު ކަންތައްތަކަކަށްވެސް ވެދާނެއެވެ. މި ހަޤީޤަތްތައް ދަފަރާކުރެވިއްޖެ ނަމަ، އެއީ ހަމަނުޖެހުމަށް ކޮށިގެންދާނެ މަގެކެވެ.

އެންމެން ތަފާތުވުމަކީ އަޅުގަނޑުމެންގެ ކިބައިގައިވާ ހަމައެކަނި އެއްގޮތްކަމެވެ. މި ތަފާތުތަކުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ”ޙަޤީގަތް އޮޅުމެވެ.“ އިންސާނާގެ އެދުންތަކާ ގުޅިފައިހުރި ކަންތައްތަކުގައި މި ކަން ވަރަށް ރަނގަޅަށް ފާހަގަވެ ފެންނަން އެބަހުއްޓެވެ. ”ތަރައްޤީ“ގެ މަފްހޫމަކީ އެފަދަ އެއް މިސާލެވެ. ނަމަވެސް ތަރައްޤީއާގުޅޭގޮތުން ފާޅުކުރެވޭ ކޮންމެ ޚިޔާލަކީ، އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާ ގުޅިގެން އުފެދިގެން އަންނަ ޖަޒުބާތުގެ އޮއެވަރުތަކާ ގުޅިފައިވާ ޝުޢޫރުތަކެކެވެ. ވުމާއެކު، އެކަމުގެ ޙައްސާސްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެ ސަބަބަށްޓަކައި، އެ ފަދައިން ފާޅުކުރެވޭ ޚިޔާލުތަކުގެ ތެރެއިން، ރަނގަޅާއި ނުބައި ވަކި ކުރުމަކީ ދަތިކަމެކެވެ. އޭގެތެރެއިން އެންމެ ރަނގަޅު ގޮތް ދެނެގަތުމަކީ އަދި މާ އުނދަގޫ ކަމެކެވެ.

(ކުރިން ބުނެވުނު ސަބަބާ ހުރެ)، ތަރައްޤީގެ މާނަ އޮޅިފައިވަނީ މިއަދު އެކަންޏެއް ނޫނެވެ. މީގެ ޒަމާންތަކެއް ކުރިއްސުރެވެސް އެކަން އޮތީ ހަމަ އެހެންނެވެ. އޭރުވެސް އަދި މިއަދުވެސް، ގިނަ ބަޔަކަށް ތަރައްޤީ ވިސްނެނީ މުދަލާއި ފައިސާއިން ލިބޭ ތަނަވަސްކަމުގެ މާނައިގައެވެ. ނުވަތަ، (ޤައުމެއްގެ ނިސްބަތުން ވިސްނާއިރު) ޤައުމުގެ އަފްރާދުންގެ އާމްދަނީ އިތުރުވުމާއި، މުޖުތަމަޢުގެ ތެރޭގައި ދައުރުވާ މުދަލާއި ފައިސާ އިތުރުވުމުގެ މާނައިގައެވެ. އެހެންނަމަވެސް، ތަރައްޤީއަކީ ހަމައެކަނި މި ކަންކަމެއް ނޫނެވެ. މި ކަންކަމަކީ ހަމައެކަނި ވަޞީލަތްތަކެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ތަރައްޤީވެފައިވާ މުޖުތަމަޢެއްގެ ސިފަތަކެކެވެ. ވީއިރު ތަރައްޤީ ޙާސިލުކުރުމަށް، ފުރަތަމަ ކަންތައްތަކެއްގެ ގޮތުގައި މި ކަންކަން އިސްކުރުމަކީ، ނުފިރުކެވެނީސް ދުވަން އުޅުން ފަދަ ކަމެކެވެ.

ވިސްނަވާލައްވާށެވެ. ތިބާ އަތުގައި ދުއްވާ އެއްޗެއް އޮތްނަމަވެސް، އެ ދުއްވަން ނޭނގޭ ނަމަ، ނުވަތަ، އެ އެއްޗެއްގެ އެހީގައި ދެވޭނެ ތަނެއް ނެތް ނަމަ، އޭގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އޭގެ ބޭނުންހިފި، އެއިން ފައިދާއެއް ކުރާނީ އެ އެއްޗެއް ބޭނުންކުރަން އެނގުމާއެކު، ބޭނުންކުރަން ޖެހޭ ސަބަބުތަކަކާއި ބޭނުންކުރެވޭނެ ފުރުސަތުތަކެއް ހުރެގެންނެވެ. ހަމަ މި ބީދައިން ތިމާގެ މިލްކިއްޔާތުގައި ކިތަންމެ ފައިސާއެއް ހުރި ނަމަވެސް، އެއިން ގަންނާނެ މުދަލެއް ނުވަތަ ޚިދުމަތެއް ނެތް ނަމަ އެ ފައިސާއިން ލިބޭނެ ފައިދާއެއް އަދި ފަސޭހައެއްވެސް ނޯންނާނެއެވެ. އަދި ހަމައެހެންމެ ކިތަންމެ ގިނަ މުދަލަކާއި ޚިދުމަތްތަކެއް ހުރިނަމަވެސް، އެކަންކަން ލިބިގަތުމުގެ ކުޅަދާނަކަން ނެތްނަމަ، ދެންވެސް ލިބޭނެ ފަސޭހައެއް ނޯންނާނެއެވެ.

ތަރައްޤީގެ ޙަޤީޤީ މާނަ ދެނެގަނެވެން އަންނަނީ މި ނަޒަރިއްޔާތުގެ އަލީގައެވެ. މި ނަޒަރިއްޔާތުގެ ސަބަބުން، ވަކި ވަކި ފަރުދުންނަށް ބޭނުންވަނީ ހަމަ އެކަނި މުދަލާއި ޚިދުމަތްތައްކަމަށް ގަބޫލުކުރުމުގެ ހަނި ވިސްނުމުން ވީއްލީ، ކޮންމެ ފަރުދެއްގެ މިނިވަންކަމާއި އަމިއްލަ އިޚްތިޔާރާއި ބާރު ތަންފީޒުކުރެވޭނެ ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމަށް ލޯހުޅުވައިދެއެވެ. ވަކިވަކި ފަރުދުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން އަންގައިދީ، ހަމަހަމަކަމާއި އިންސާނީ ކަރާމާތުގެ މަތިވެރި ސިފަތައް އުފުލިގެންދެއެވެ. އޭގެ އިތުރުން، މުދަލާއި ފައިސާއަކީ ހަމައެކަނި، އިންސާނަކަށް ލިބިގެންވާ ފުރުސަތުތަކަށް ވާޞިލުވުމަށް މެދެވެރިވާ ވަޞީލަތެއްކަން ދެނެގަނެވެއެވެ.

ތަރައްޤީވަނީ އިންސާނާއެވެ. އިންސާނީ ތަރައްޤީއަކީ، އޭނާ އަގުކުރާ ދިރިއުޅުމައިގެން ކުރިއަށްދިޔުމަށް ތަނަވަސްވެފައިވާ ފުރުސަތުތައް އިތުރުވުމެވެ. މި ނަޒަރިއްޔާތު އިސްކަންދެނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި މުދާ އިތުރުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ ފަރުދެއްގެ ގާބިލުކަމާއި ކުޅަދާނަކަން އިތުރުކޮށްދީ، އޭނާގެ ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން ހޯދައިދިނުމަށެވެ. ތަރައްޤީ ވެފައިވާ މީހަކު ނަމަ، އެމީހެއްގެ ދިރިއުޅުން ކުރިއަށްގެންދާނެ ގިނަ މަގުތަކެއް ފެންނާނެއެވެ. އަދި ހަމައެހެންމެ، އެއިން ކޮންމެ މަގަކުން ކުރިއަށްދިޔުމުގެ ކުޅަދާނަކަން އޭނާގެ ކިބައިގައި ވާނެއެވެ. އޭނާގެ ދިރިއުޅުމާ ގުޅޭގޮތުން ގޮތް ނިންމުމަށް ލިބިގެންވާ އިޚްތިޔާރުތައް ގިނަވާނެއެވެ. ދިރިއުޅުމުގައި އޭނާއަށް ކުރެވޭނެ ކަންތައްތަކުގެ ދާއިރާ ތަނަވަސްވެގެންވާނެއެވެ.

މި ހުރިހާ ކަމެއް ބިނާވެގެންވަނީ މައިގަނޑު އަސާސްތަކެއްގެ މަތީގައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ތަރައްޤީ ކަށަވަރުކުރެވޭނީ އެމީހަކު ދިރިއުޅޭ މުޖުތަމަޢެއްގައި ވަކި ޚާއްސަ އަސާސީ ސިފަތަކެއް ވަކި މިންވަރަކަށް ހުރެގެންނެވެ. އޭގެތެރެއިން އެއް އަސާސަކީ، މުޖަތަމަޢުގެ ކޮންމެ ފަރުދަކަށްމެ ކަމޭހިތިގެންވުމާއި ހަމަހަމަ ފުރުސަތުތައް ލިބިގެންވުމެވެ. އެ މީހެއްގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޟަރޫރީ ޙާޖަތްތައް ފުއްދުމަށް ކޮންމެހެން ބޭނުންވާ މުދަލާއި ޚިދުމަތްތައް ލިބެންހުރުމާއިއެކު، އެ ކަންކަން ލިބިގަނެވޭނެ ފުރުސަތުތައް ތަންވަސްވެގެންވުމެވެ. އެއަށް ފަހު، އާމްދަނީ ހޯދުމާއި މުދާވެރިވުމުގައި މުޖުތަމަޢުގައި ބައިވެރިވެވޭނެ މާހައުލެއް އުފެދިފައިވުމާއި، ކޮންމެ ފަރުދަކުމެ އެކަމުގައި ފުރިހަމައަށް ބައިވެރިވުމަށް ހުރަހެއް ނެތުމެވެ.

އަޅުގަނޑުމެން ކޮންމެ މީހަކު އެއްގޮތަށްވުރެ ގިނަ ގޮތުން އަނެކާއާ ގުޅިފައިވުމާއެކު، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅެންޖެހިފައިމިވަނީ، (އެހެން ފަރުދުންނާއެކު) ލާމެހިފައިވާ މުޖުތަމަޢެއްގައެވެ. ތަރައްޤީގެ ހަޤީޤީ ނަޒަރިއްޔާތުގައި، މިދެންނެވި ސިފަ ދެމެހެއްޓުމުގެ އިޚްތިޔާރު ފަރުދުންނަށް ހޯދައިދެއެވެ. އެގޮތުން، ތިމާއަށް އަސަރު ފޯރާފަދަ ކޮންމެ ނިންމުމެއް ނިންމުމުގައި އެހެން ފަރުދުންނާއެކު ބައިވެރިވެ ބަސްބުނުމުގެ ބާރު ލިބިދެއެވެ. އަދި އެ ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އުޅުމާއި، ނިސްބަތްވުމާއި، އިޖުތިމާޢީ ދުޅަހެޔޮކަމަކީވެސް މި ނަޒަރިއްޔާތުގެ އަސަސީ ސިފަތަކެވެ. ވުމާއެކު، ތިމާގެ ދިރިއުޅުމުގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުމުގައި ބައިވެރިވެ، ތިމާގެ ބޭނުންވުންތަކާ ބައްދަލުކުރުމަށްޓަކައި، އެކަންކަމަށް އެކަށޭނަ ނުފޫޒު ފޯރުވޭނެއެވެ. އަދި އެކަންކަން ޙާސިލުވުމަށްފަހު، ކުއްލިއަކަށް ނެތިގެން ނުދާނެކަމުގެ ރައްކާތެރިކަމާއި ޔަގީންކަން ކޮންމެ ފަރުދަކަށްމެ ލިބިގެންވާނެއެވެ.

އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ! އަޅުގަނޑުމެންގެ ޙާލަތު ހުރީ މިފަދައިން ތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި މި އަސާސްތައް ނުވަތަ ސިފަތައް ޤާއިމުވެފައި ވޭތޯއެވެ؟ ދިވެހި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތާއި، ދީމިޤްރާޠީ ވެށީގައި ކަން ހިނގަމުންދާ ގޮތަށް ވިސްނާލާ އިރު، މި މުޖުތަމަޢުގައި އެ އަސާސްތައް ޤާއިމްވެފައިވާކަމަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވޭނެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެހެންކަމަށް ވާނަމަ، އެ އަސާސްތައް ޤާއިމުކުރުމަށް އިސްކަންދެވެންވާނެ ނޫންތޯއެވެ.؟ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެކަމަށް ސަމާލުކަންދެވޭ ތަން ފެންނަން ވާނެ ނޫންތޯއެވެ؟

އަޅުގަނޑުމެން އެންމެންވެސް ކުރިއެރުމަށް އެދެމެވެ. އެ އެދުން އިމެއް ނެތް މިންވަރަށް ފުޅަލެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ނަޒަރިއްޔާތު އިންތިހާއަށް ހަންޏެވެ.

އަޅުގަނޑުމެން ކަންކަން ޙާސިލުކުރަނީ އުންމީދުކުރާ އަމާޒަކަށް ބިނާކޮށް އެކަށައަޅާ ތަޞައްވުރެއްގެ އެހީގައެވެ. އެ ތަޞައްވުރު އަމާޒާ އެކަށީގެންނުވާ ނަމަ، ކުރެވޭ އުންމީދާއި ޙާލަތު ބައްދަލެއް ނުވާނެއެވެ. އެހެން އެވަނީ އަޅުގަނޑުމެންގެ ވިސްނުން ކޮށިވެގެންކަމަށް ގަބޫލެއްނުކުރެވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން ނުފޫޒުން އެއްކިބާކޮށް، ސިކުނޑިތައް ހުޅުވާލަންޖެހޭކަމަށް ދެކެމެވެ. ބަޔަކު ދައްކާ އަސްކަންޏެއްގެ ހިޔަލުގައި ނުހުރެ، އަމިއްލަ ފުރާޅުގެ ހިޔަލަށް ޖެހިލާ، މެންދުރުގެ ގަދަ ހޫނުގައިވާ އަވާމެންދުރަށް ލޯ ދިނުން ހުއްޓާލަން ޖެހޭކަމަށް ގަބޫލުކުރަމެވެ.

އަޅުގަނޑުމެންގެ ވިސްނުން ބައްޓަންވެފައި ވަނީ ޙަޤީޤީ ތަރައްޤީއާ ބީރަށްޓެހި ގޮތެއްގައެވެ. ހަޤީޤީ ތަރައްޤީއަށް ވުރެ ބޮޑަށް، އަޅުގަނޑުމެންނަށް ސަމާލުކަންދެވެނީ (ހަމައެކަނި) ޢުމްރާނީ ތަރައްޤީއަށާއި ޢާމްދަނީ އިތުރުކުރުމަށެވެ. މި ހަނި ވިސްނުމުގެ ސަބަބުން، ވެށީގެ ރީތިކަމާއި، ފެހިކަން ގެއްލުމާއި، ދިރިއުޅުމުގެ އަގުތައް އުފުލުން ފިޔަވައި އިތުރު މާ ގިނަ ކަންތައްތަކެއް ޙާސިލެއްނުވެއެވެ. އަޅުގަނޑުމެން އަބަދުމެ މަޝްޣޫލުވެއުޅެނީ، ވަގުތީ ހަމަޖެހުން ހޯދުމުގައްޔާއި، ކާރިސާތަކުން ’ރެކުމުގައެވެ‘. ދުރު މުސްތަޤުބަލަށް ވިސްނުމާއި، ކާރިސާތަކަށް ތައްޔާރުވުމާއި، އެކަންކަމަށް ދާއިމީ ޙައްލު ހޯދުމަށް މަސައްކަތްކުރެވެނީ ދާދި މަދު ފަހަރަކުއެވެ. ނަމަވެސް ޙަޤީޤަތަށް ވިސްނާލާއިރު، އަޅުގަނޑުމެންގެ ވިސްނުން އަމާޒުކުރަންވީ ކަންކަމަކީ މިއީއެވެ. ނޫންނަމަ އަބަދުވެސް އަޅުގަނޑުމެން އުޅެންޖެހޭނީ، ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާނެ ފުރުސަތު ނުލިބި، މައްސަލަތަކުން އަރައިގަތުމުގައި އަވަދިނެތިއެވެ. އެހެންކަމަށް ވެއްޖެ ނަމަ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ ދުވަހަކުވެސް ޙާސިލެއްނުވާނެއެވެ. އެހެނީ އަޅުގަނޑުމެންނަށް މަސައްކަތްކުރެވެނީ އެކަމަކަށް ނޫނެވެ. މުޅިން އެހެންކަމަކަށެވެ.

އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އިސްލާޙުކޮށް، ޙަޤީޤީ ތަރައްޤީގެ ނަޒަރިއްޔާތުން ވިސްނަން ފެށިއްޖެ ނަމަ، އެންމެ އިސްވާނީ ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމެވެ. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި ޒިންމާދަރު މުޖުތަމަޢެއް ބިނާކުރުމެވެ. ފިކުރީ މުއްސަނދިކަމާއި އިންސާނީ ވަޞީލަތް އިތުރުކުރުމެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޞިނާޢީ ޙަރަކާތްތައް ފުޅާކުރުމެވެ. މަތީ ތަޢުލީމުގެ ފުރުސަތުތަކަށް ކުރެވޭ ހޭދަތަކާއި ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޭނުންވާ ވަޞީލަތްތަކާއި ހޭލުންތެރިކަން އުފަންކުރުމެވެ. ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދާ ރައްޔިތުން ބާރުވެރިކުރުވުމެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި، ވިލުމުގެ ގާބިލުކަންހުރި މުޖުތަމަޢުތައް ބިނާކުރުމެވެ. ސުވާލުކޮށްލައްވާށެވެ! މި ކަންކަން އޮތީ އަޅުގަނޑުމެންގެ އެޖެންޑާގެ ކިތައްވަނައިގައިތޯއެވެ؟ ނުވަތަ، މި ކަންކަން އަޅުގަނޑުމެންގެ އެޖެންޑާގައި ހިމެނިފައި ވޭބާވައެވެ؟

އާދޭހެވެ! އަޅުގަނޑުމެންނަށް ޙާސިލުވާނީ ޙާސިލުކުރަން އުޅުނު ކަމެކެވެ. ތަރައްޤީއާއި ކުރިއެރުންވެސް ލިބޭނީ، އެކަން ޙާސިލުކުރަން މަސައްކަތްކުރީމައެވެ. ޙަޤީޤީ ތަރައްޤީ ބިނާވެގެންވަނީ ކުރިން ބުނެވުނު އަސާސްތަކުގެ މަތީގައެވެ. އެކަންކަން އެއްކައިރިކޮށް، ހަމައެކަނި ތަނަވަސްކަމާއި ފައިސާ ހޯދަން މަސައްކަތްކުރުމަކުން ތަރައްޤީއެއްނުވެނޭނެއެވެ. ”މުއްސަނަދިކަމަކީ ފަހަރެއްގައިވެސް މުދަލުގެ ތަނަވަސްކަމެއްނޫނެވެ. އެކަމަކު ނަފްސުގެ މުއްސަނދިކަމެވެ.“ އެކަމަށްޓަކައި ބަދަލުވެ ކުރިއަރަންވީ އަޅުގަނޑުމެންގެ ވިސްނުމެވެ. އެއަށްފަހު ރަނގަޅު ވަގުތުގައި ރަނގަޅު ވިސްނުން އިސްކުރަންވީއެވެ. ފިރުކެންޖެހޭ ހާލަތުގައި، ދުއްވައިނުގަނެވޭނެކަން އެނގިތިބެ، އެކަން ކުރަން އުޅުމުން، ވެއްޓި އަނިޔާވާނެކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނޫންތޯއެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް