”މޯލްޑިވިއަން ޑްރީމް“

ހުސް މައްސަލައެވެ! ޚިދުމަތް ހޯދުމަށް އިދާރާއަކަށް ވަނަސް ޝަކުވާއެވެ. ފަރުވާ ހޯދަން ހަސްފަތާލަކަށް ދިޔަސް، ހިތްހަމަނުޖެހޭ ކަންތައްތަކެވެ. ބަލާލީ ހަމަ ކޮންމެ ދިމާލަކުންވެސް ފެންނަން ހުރީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކެވެ. ޢާއިލާއާއި މުޖުތަމަޢާއި، މުޅި ޤައުމުގައިވެސް އިޞްލާހަށް ބޭނުންވެފައިވާ މައްސަލަތަކެވެ. މި ބުނުމާ މެދު ދެވަނަ ބަހެއް ބުނާނެ ފަރާތެއް ހުންނާނެއެކޭ ހިތެއް ނުބުނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ މި ހުރިހާ ކަމަކަށްވުރެ މާ ބޮޑު މައްސަލައެއް އެބައޮތެވެ. އެއީ އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމުގެ އުއްމިދެވެ. ”މޯލްޑިވިއަން ޑްރީމް“އެވެ.

ދިވެހި ޒުވާނަކު ވަރަށް ތިލަ ޢިބާރަތްކޮޅަކުން ”މޯލްޑިވިއަން ޑްރީމް“ ސިފަ ކޮށްދީފައިވަނިކޮށް އަޅުގަނޑު ދުށީމެވެ. އެ ޒުވާނާ ބުނެފައިވެއެވެ. ”އޯލެވެލް ނިންމާލުމަށް ފަހު ކޮލެޖަކަށް ދަރިވަރުވެ، ސެޓްފިކެޓް ބޮނޑިއެއް އެއްކުރުމެވެ. އެއަށްފަހު ސަރުކާރު ނުވަތަ އަމިއްލަ އޮފީހަކުން ވަޒީފާއެއް ހޯދުމެވެ. އެއަށްފަހު ސައިކަލެއް ގަތުމެވެ. އެއަށްފަހު އަންހެން ކުއްޖަކާ ހިތާވެ، ކައިވެނިކުރުމެވެ. އެއަށްފަހު އެގޮތުގައި (މުސާރައިގެ އަޅުވެތި ދިރިއުޅުމެއްގައި) އުޅެ ފަސްދަށަށް ދިޔުމެވެ. އަހަންނެއް މި ފަދަ އުއްމީދެއްގައި ދިރިއުޅޭކަށް ނެތީމެވެ.“

ދިވެހި ޤައުމާ މެދު މިއަދު އޮތް އެންމެ ބޮޑު ނާއުއްމީދަކީ، ހަރުދަނާކަމުގެ ސިފަ ނިސްބަތްކުރެވޭ ޒުވާނުންނާއި ހަރު މީހުން، ޤައުމާ މެދު ހުވަފެންތައް ނުދެކޭ ކަމެވެ. ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުއަޅަން ނުކެރި ’ފިނޑި’ވެފައިވާ ކަމެވެ. ހަރުދަނާ ޒުވާނުންގެ ކިބައިގައި އިޞްލާހަށް މަސައްކަތް ކުރުމުގެ ވިސްނުން ނެތް ކަމެވެ. ތިމާ ޝައުގުވެރިވާ ރޮނގަކުން ނުވަތަ ދާއިރާއަކުން ކުރިއެރުމެއް ހޯދާ ދިނުމުގެ ޚިޔާލާތު ނެތް ކަމެވެ. ހަމަ އެކަނި ލިބޭ މުސާރައަށް ވިސްނައި ވަޒީފާ އިޚުތިޔާރުކޮށް، ދުވާލުގެ ފުރަތަމަ ދަން، އެހެން މީހަކު ހަވާލުކުރާ މަސައްކަތެއްގައި ހޭދަކުރުމަށް ފަހު، ނުރަސްމީ ގަޑީގައި ކޮފީ މޭޒުތައް ފަޅުފިލުވުމެވެ.

އިޞްލާހަށް މަސައްކަތްކުރުމަކީ ’ސިޔާސީ‘ މަސައްކަތެކެވެ. ނަމަވެސް އެއީ، ހަމައެކަނި މައިދާންތަކުގައި ޕޯޑިއަމްތައް ބަހައްޓައިގެން ޚިޔާލުފާޅުކުރުމެއް ނޫނެވެ. އިޞްލާހީ މަސައްކަތަކީ، އަށްގަޑިއިރު ވަންދެން މޭޒު ކައިރީ ލިޔެކިޔުންތަކާއެކު ހޭދަކުރުން ހާ ފަސޭހަކަމެއްވެސް ނޫނެވެ. އެއީ ބުރަ މަސައްކަތެކެވެ.

ހަރުދަނާ މީހުން، އިޞްލާހީ ސިޔާސީ މަސައްކަތަކީ ’ފަކުރެކޭ‘ ހީކުރާ ނަމަ، އޭގެ ސަބަބުން އުފެދޭ ހުސްކަން ފުރާނީ އެހެން ބައެކެވެ. ފަންނުވެރި ސިކުނޑިތަކާއި ޤައުމާ މެދު ހުވަފެން ދެކޭ ހަރު މީހުން، އިޞްލާހީ ސިޔާސީ މަސައްކަތުގައި ’ސްޓްރެޓެޖިސްޓުން’ނާއި، ’ލީޑަރުންނަށް’ނުވެ، ކަންނެތްކަން އިސްކުރުމުން، ދެން އުފެދޭ ހުސްކަން ފުރާނީ ދިވެހި މުޖުތަމަޢުން މި ފެންނަ ފަދަ ’އެކްޓިވިސްޓުން‘ އެކަންޏެވެ. ދިވެހި މުޖުތަމައުން ފެންނަނީ އެ މަންޒަރެވެ.

ޢަމަލުގެ ފެށުމަކީ ވިސްނުމަށް ވީ ފަދައިން އިޞްލާހުގެ ފެށުމަކީ ސިޔާސަތު ބަދަލުވުމެވެ. އަޅުގަނޑުމެން އެންމެންވެސް ޤައުމުގައި ހުރި މައްސަލަތަކާ މެދު އިއްތިފާޤު ވަމެވެ. މާނައަކީ މިހާރު ހުރި ސިޔާސަތުތަކާ ދެކޮޅު ވުމެވެ. ވީއިރު، މިއަދު ގެ ހާލަތާ މެދު އިދިކީލަ ސިކުނޑިތައް ސިޔާސަތު ކަނޑައެޅުމުގައި ހަރަކާތްތެރިވާން ފެށުން؛ ޤައުމު އެދޭ ހެޔޮ ބަދަލުގެ ފެށުމަށް ނުވާންވީ ސަބަބެއް ނެތެވެ.

ނަމަވެސް އެ ބަދަލު ގެނެވެން އޮތީ، ތިމާ އުޅެ، ނިމިދާން އޮތް މުޖުތަމަޢަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގެ ވިސްނުން އިސްކޮށްގެންނެވެ. ތިމާގެ ދަރީންނަށް މޭވާ ލިބޭނެ ކޮންމެވެސް އޮށެއް އިންދައިގެންނެވެ. ކޮންމެ ފަރުދަކަށް، މުޅި ޤައުމު އޭނާއަށްޓަކައި ކަރުނައަޅާ ފަދަ މީހަކަށް ނުވެވިދާނެއެވެ. ނަމަވެސް އެ އުއްމީދުކުރާ ހިތްތައް ގިނަވެއްޖެ ޤައުމެއްގެ އުފާވެރިކަން ހިތަށް ގެންނަވާށެވެ. ދިވެހި ޤައުމުގައި އުއްމީދުގެ އުފާވެރިކަން ނެތީ، ތިމާ ދުށް ވަރަށްވުރެ ރަނގަޅު މުޖުތަމަޢެއް ދޫކޮށްފައި ދިޔުމުގެ ވިސްނުން ނެތީމައެވެ.

ޒުވާން އެކުވެރިންނޭވެ! ”ޤައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބާލާ؛ ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލާށޭ“ ބުނެވޭ ބަހަށް ’ޗޮކެއް‘ ކަނޑާލިޔަސް، އެއީ ތެދު ވާހަކައެކެވެ. އެއްޒަމާނެއްގައި، މުޅި އިންނާސާނިއްޔަތުވެސް އެ ފަދަ ވިސްނުމެއްގައި ހަމައެކަނި ތިމާގެ ދިރިއުޅުމަށް، މުޅި ވިސްނުމާއި ހަކަތަ ހޭދަކޮށް އުޅުނެވެ. ނަމަވެސް އާޚިރުގައި އެހެން މީހުންނާ އެކުވެ، މުޖުތަމަޢެއް ދަމަހައްޓަށް މަޖުބޫރުވީއެވެ. ތިމާ އަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަށޭ ބުނެވެނީ އެކަމުން ފިލާވަޅު ދަސްކޮށް އިންސާނުން ލިބިގަތް ފަލްސަފާވަރިކަމުންނެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ ހަމަޖެހޭ މުޖުތަމަޢަކަށް ނިސްބަތްވެގެންނެވެ. މިއަދުގެ މުޖުތަމަޢަށް ނިސްބަތްވާ ހަމަ ކޮންމެ މީހަކު، މުޖުތަމަޢުގެ ހާލަތާ މެދު ނުތަނަވަސްކަން އިޙުސާސްކުރަނީ އެހެންވެއެވެ. ވުމާއެކު، މުޖުތަމަޢުން އުފާވެރިކަން ފެންނަން ބޭނުން ނަމަ، ޤައުމާ މެދު އުއްމީދު ކުރާށެވެ. ޤައުމާ މެދު ހުވަފެނެއް ދެކޭށެވެ. މުސާރައިގެ އަޅުވެތިކަމުން ވީއްލި އުއްމީދީ އުފާވެރި ހީވާގިކަމަށް މިސްރާބު ޖަހާށެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް