އަދަބުދިނުމަކުން ޙައްލެއް ލިބޭކަށް ނެތް!

ފޮޓޯ: ޢަބްދުﷲ އަބީދު

ދިވެހިންނަކީ (އެއްޒަމާނެއްގައި) ލޭ ފެނުމުން ބިރުން ހޭނެތޭ ބައެއްކަމަށް ގަބޫލުކުރަން އުނދަގޫ ވާ މިންވަރަށް އަޅުގަނޑުމެންގެ ހާލަތު ފުރޮޅިއްޖެއެވެ. މިއަދުގެ ހަގީގަތަކީ، ދިވެހި މުޖުތަމަޢުގައި (އެވްރެޖުކޮށް) ކޮންމެ އަހަރަކު، ހަތަރު މީހުން އެއްވެސް ޙައްޤަކާނުލައި މަރާލެވެއެވެ.

އަޅުގަނޑަށްވެސް އެނގެއެވެ. މިއީ ބާ ވާހަކައެކެވެ. ވުމާއެކު އެ ޢަދަތުތަކަށް ކަޅިހުއްޓިފައި އިނުމަކުން ކުރާނެ ފައިދާ އެއް ނެތް ކަމަށް ތިބާ ގަބޫލުކުރާ ފަދައިން އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އެކަމަކު އަޅުގަނޑު އެއްބަސްނުވާ ކަމެއްގެ ވާހަކަ ދަންނަވަންތޯއެވެ؟

ކޮންމެ މަރުގެ ހާދިސާއަކާއެކު ގަދަވެގެންދާ އަޑަކީ ކުށްކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ ވާހަކައެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި މީޑިއާގެ ސަމާލުކަން ހުއްޓެނީ އެ ދިމާލަށެވެ. ޢާއްމު ފަރުދުންނާއި މުޅި މަޖުތަމަޢުގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީއެވެ. އެންމެ ބޮޑަށް އަޑުއުފުލަނީ ކުށްވެރިންނަށް އަދަބު ދިނުމަށެވެ. އިސްލާމީ ޝަރީޢަތުގެ ވާހަކަވެސް އެންމެ ގިނައިން ދެކެވެނީ އެ ފަދަ ދަނޑިވަޅުތަކުގައެވެ. (އިސްލާމީ ޝަރީޢަތް މުހިންމުވަނީ ކުށަށް އަދަބު ދޭންވާ ހާލަތުގައި އެކަންޏޭ ހީވާ ކަހަލައެވެ.) މިއަދާ ހަމަޔަށް އައިއިރުވެސް، މަރުގެ ޖަރީމާތަކާއި، ކުށްކުރުމަށް ހުއްޓުމެއް އައިސްފައިނުވާ އެންމެ މައިގަނޑު ސަބަބަކީ މިއީއެވެ.

ކޮންމެ މުޖުތަމަޢެއްގެ ރާސްތާ ކަނޑައަޅަނީ އެ މުޖުތަމަޢުގެ ފަރުދުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ސިންގަޕޫރު އެ ހިސާބަށް ގެންގޮސްދިނީ އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. މި ޤާއިދާގެ ދަށުން، އަޅުގަނޑުމެން މި ހިސާބަށް ގެނެސްދިނީވެސް ހަމަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އޭރުވެސް ޢާއިލީ މައްސަލަތަކެވެ. ދަރިންނަށް އަޅާނުލުމެވެ. އަޅާނުލެވުނު ކުދިންވީ ކުށްވެރިންނަށެވެ. މިއަދުވެސް ކުށްވެރިނަށް ވަނީ ޢާއިލީ ލޯތްބާއި ތަރުބިއްޔަތު ނެތި ބޮޑުވާ ކުދިންނެވެ. ޒަމާނަށް އައި ބަދަލުތަކާއި ދުނިޔޭގައި ހިނގާ އޮއެވަރުތަކުގެ އަސަރެއް އޮތް ނަމަވެސް، އަސްލަކީ ހަމަ އެއް އަސްލެކެވެ. މައްސަލައަކީ ހަމަ އެއް މައްސަލައެކެވެ.

ނުވަދިހައިގެ އަހަރުތަކުގައި އެ ފަދައިން އަޅާނުލެވުނު ކުދިން، ބަޔަކު ހިލޭ ބެހި މަސްތުވާތަކެތި ބޭނުންކޮށް އޭގެ އަވައިގައި ޖެހުނީއެވެ. މަޑުމަޑުން އެ ޢަދަދު ގިނަވަމުން އައިސް، އެ ފަދަ ކުދިން އެކުވެ ގުޅުންތައް އުފައްދައި، ގޭންގްތަކޭ ކިޔުނު ކުށުގެ ހާލިތަކެއް އުފަންކުރީއެވެ. އެކުދިން އެކަންކުރީ ޢާއިލާގެ ތެރެއިން ނުލިބުނު އަޅާލުމާއި އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށެވެ.

2012 ވަނަ އަހަރު ގޭންގްތަކާ ގުޅޭގޮތުން ކުރެވުނު ދިރާސާއިން ދައްކާގޮތުން، ޒުވާނުން ގޭންގްތަކާ ގުޅެނީ ނިސްބަތްވުމާއި އަޚުވަންތަކަމުގެ އިޙުސާސް ބޭނުންވާތީއެވެ. ރައްކާތެރިކަމާއި އައީޑެންޓިޓީއެއް ހޯދުމަށެވެ. ވަޒީފާއެއް ނެތުމުން އަމިއްލަ ޚަރަދުތައް ހަމަޖެއްސުމަށެވެ. މަސްތުވާތަކެތީގެ ސަބަބުންނާއި މަދަރުސާގައި ބުލީކުރުމުގެ ޝިކާރައަކަށްވެފައި ވުމުން އޭގެ ބަދަލުހިފުމަށާއި، ޢާއިލީ މައްސަލަތަކުން ދުރުވެ ހަމަ ނޭވައެއްލެވޭނެ ގޮތެއް ހޯދުމަށެވެ. މިއީ އެކުދިންގެ ވާހަކައެވެ. މުޖުތަމަޢުގެ ހާލަތު ގޯސްވުމަށް މެދުވެރިވި އަސްލު މައްސަލަތައް މި ދެންނެވުނީއެވެ. ހާލަތު ބަދަލުކުރަން ބޭނުން ނަމަ ހައްލުކުރަން ޖެހޭ އަސްލު މައްސަލަތަކަކީ މިއީއެވެ. ހައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވީ މައްސަލަތަކަކީވެސް މިއީއެވެ. އާދޭހެވެ! ހައްލެއް ލިބޭނީ މި މައްސަލަތަކަށް ރިޢާޔަތްކުރެވިގެންނެވެ.

ހަނދާން ހުންނާނެ ފަދައިން، 1980 އަހަރުތަކުގައި ގެނެސެދޭން ފެށި ’ދިރިއުޅުމަކީ މިއީ ބާ‘ ސީރީޒްގައި، ޢާއިލީ މައްސަލަތަކާއި ދަރިންނަށް އަޅާނުލުމާއި، ހަރުދަނާ ކަމެއް ނެތް ދިރިއުޅުން ދައްކުވައިދިންކަން ހަނދާންހުންނާނެއެވެ. ރަނގަޅު ތަރުބިއްޔަތެއް ނުލިބޭ ކުދިންގެ އުޅުން ހުންނަ ގޮތް ދައްކުވައިދިން ’މަޖާ‘ މަންޒަރުތަކެވެ. އެ މަންޒަރުތަކަށް ހީހެދިއިރު، ހަމަ އެ ސީރީޒްއިން އަހަރުތަކެއް ފަހުން ފެންނާނީ ކޮން ހާދިސާތަކެއްކަމެއް ހިތަކަށްވެސް ނުގެނެވެއެވެ. (އޭގެ އަހަރުތަކެއް ފަހުން، 2007 ވަނަ އަހަރާ ހަމައިން ފެނުނީ ކުށާއި ކުށްކުރާ މީހުންނާއި ވައްކަމުގެ މަންޒަރުތަކެވެ.) ހަގީގަތަކީ ގޭންގުތަކަކީ، އޭރުވެސް އޮތް މައްސަލައިގެ މިއަދުގެ ހާލަތެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޢާއިލީ ނުކުޅެދުންތެރިކަމުގެ ’އިވޯލްވެފައިވާ‘ މިއަދުގެ ހާލަތެވެ.

ޒުވާނުން ގޭންގްތަކާ ގުޅުމަށް މެދުވެރިވާ ކޮންމެ ސަބަބަކީ ޢާއިލާގެ ތެރެއިން ލިބެން ޖެހޭ؛ ނުވަތަ ޢާއިލާގެ ތެރެއިން އެހީތެރިވެ ޙައްލު ހޯދައިދޭން ޖެހޭ ކަންތައްތަކެކެވެ. ނުވަތަ ޢާއިލާގެ ތެރެއިން ކުރިމަތިވާ މައްސަލަތަކެކެވެ. ޢާއިލާއެއް އެއިން ކަމެއްގައި ނުކުޅެދިއްޖެނަމަ އެތަން ފޫބައްދަންޖެހޭނީ ތަޢުލީމީ ނިޒާމުންނެވެ. މަދަރުސާތަކަށް ނުވެއްޖެ ނަމަ، ދައުލަތުން ހަމަޖައްސާ ޚާއްސަ އެހެން އިންތިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް މި ނިޒާމުތައް މަސައްކަތެއްނުކުރެއެވެ. މަސައްކަތްކުރުވުމަށް ސަމާލުކަމެއްވެސް ނުދެވެއެވެ. އެންމެ ކުޑަމިނުން އެކުދިންގެ ވާހަކަތައް އަޑުއެހުނީވެސް، ގޭންގުތައް އުފެދި އެތައް ދުވަހެއް ވީ ފަހުންނެވެ. އަޅުގަނޑުމެން އެންމެނަށްވެސް އެންމެ މުހިންމީ އަދަބު ދިނުމެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ކުށަށް އަދަބުދޭން ޖެހޭނެއެވެ. އެކަމާ މެދު ސުވާލެއް ނެތެވެ. ނަމަވެސް އަޅުގަނޑުގެ ނުކުތާއަކީ، ކުށަށް ވާޞިލުކޮށްދޭ ހުރިހާ ސަބަބުތަކެއް ހަނދާން ނައްތާލާފައި، ހަމައެކަނި ކުށްވެރިންގެ ފަހަތުން ދުވުމުގެ ނަތީޖާއަކަށްވާނީ، މުޖުތަމަޢުގައި ހިންގާ އެއްވެސް ޖަރީމާއަކަށް އަދަބު ނުދެވޭ މިންވަރަށް ހާލަތު ގޯސްވުމެވެ. ކުށްވެރިން އިންތިހާއަށް އިތުރުވުމެވެ. އެ ފަރާތްތަކުގެ ނުފޫޒާއި ބާރު ފެތުރުމެވެ. ނުވަތަ ހިތަށްވެސް ނުގެނެވޭ ފަދަ ކުށްތައް އުފަންވުމެވެ. މިއަދުވެސް ބައްލަވާށެވެ! މަގުމަތީގައި އެންމެންގެ ކުރިމަތީގައި މަރާލުމުންވެސް ހެކިބަސް ދޭނެ މީހަކު ނުވަނީ ކީއްވެ ހެއްޔެވެ؟ ކުރިން މި ދެންނެވި ހާލަތުގެ ކޮޅުމަތި ފެންނަން ފަށާފައިވާތީއެވެ. 2012 ވަނަ އަހަރުގެ ދިރާސާއަށް މައުލޫމާތު ދެމުން ޒުވާނަކު ބުނެފައިވެއެވެ. ”އަހަރެން ކުޑަ ފިސްތޯލައެއް ދުށީމެވެ. އެ ދުވަހު ވަރަށް ބިރުގަތެވެ. އެކަމަކު މިހާރު ބަޑިއެއް ވަރަށް ބޭނުމެވެ. އަހަރެން މަގުމައްޗަށް ނުކުމެ ބަޑިޖަހައި، އެތައް ބަޔަކު މަރާ ގޮތް ވަރަށް ގިނައިން ޚިޔާލުކުރެވެއެވެ. އަހަރެން މަރަން ބޭނުންވާ އެންމެން ސިކުނޑީގައި އެބަހުއްޓެވެ.“

ފަހަރުގައި ވިދާޅުވެވިދާނެއެވެ. ކުށަށް އަދަބު ދިނުމުން ކުށްކުރުމަށް ޖެހިލުންވާނެއެވެ. މިއީ ވަރަށް ހަނި ވިސްނުމެކެވެ. އިންސާނުން ކުށުން ދުރުވަނީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. ހެއްދެވި ފަރާތުން އެކަމަށް ލިބިދާނެ ޢުޤޫބާތަކަށް ބިރުން، ނުވަތަ މުޖުތަމަޢުން ލިބިދާނެ އަދަބަކަށް ބިރުންނެވެ. މި ބިރުވެރިކަން ނަފްސުގެ ކިބައިގައި ދެމިއޮންނަނީ ކުރާ ކުށަށް މާއްދީ އަދަބު ދޭތީއެއްނޫނެވެ. އިންސާނާ ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުންނެވެ. ކުށަށް މާއްދީ އަދަބެއް ލިބޭނެކަން ޔަގީންވީ ނަމަވެސް، ދިރިއުޅުމަށް ކުށްކުރުން ނޫން ގޮތެއް ނެތް ކަމަށް ގަބޫލުކުރެވުމުން، ނުވަތަ ކުށަށް ދެވިހިފުމުން، އެ ބިރުވެރިކަން ފިލައިދާނެއެވެ. އަދި ހަމައެހެންމެ، (އަދަބު ތަންފީޒުކުރެވޭ މަޖުތަމަޢެއްގައި ކަމަށްވިޔަސް) ކުށަށް ދެވިހިފާފައިވާ މީހުން، ކުށްކުރުމަށް ފަހު އަދަބުން ސަލާމަތް ވާނެ މަގުތައް ހޯދާނެއެވެ.

ކުށަކީ އިޖުތިމާޢީ މައްސަލައެކެވެ. މިއަދުގެ ހާލަތަށް ބަލާއިރު، އަދަބަކީ އެ މައްސަލައިގެ ހައްލެއް ނޫނެވެ. އަދަބު ދިނުމަކީ، މުޖުތަމަޢުގެ ނިޒާމުތަކުގެ ތެރެއިން ނުވަތަ ސަލާމަތީ ފަށަލަތަކުގެ ތެރެއިން ފޭދިގެން އަންނަ ނާދިރު ޙާލަތްތަކަށް އޮތް ފަރުވާއެކެވެ. އަދަބުދިނުން ކާމިޔާބުވާނީ މުޖުތަމަޢުގެ ހުރިހާ ނިޒާމުތައް ބަރާބަރަށް މަސައްކަތްކުރާ ހާލަތުގައެވެ. އެ ނިޒާމުތައް ވާގިނެތުމުން އަދަބު ދިނުމުގެ މާނައެއް ނޯންނާނެއެވެ. އިސްލާމީ ޝަރީޢަތުގައިވެސް އަދަބުގެ ފަލްސަފާއަކީ މިއީއެވެ.

މިއަދުގެ ހަގީގަތަކީ، ކުށުގެ ވާހަކަ ދެއްކުމުގައި އަވަދިނެތި ތިބޭއިރު، ކޮންމެ ދުވަހަކު ގޭންގުތަކަށް އާ ކުދިން ގުޅެއެވެ. އަދަބުދިނުމުގެ ވާހަކައިގައި އަވަދިނެތިވަނިކޮށް ކޮންމެ މަހަކު ގޭންގުތަކުގެ އާބާދީ ބޮޑުވެއެވެ. ވާނީވެސް އެހެންތާއެވެ. ޒުވާން ޢުމުރުގައި ޒުވާނާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގެންގުތަކުގެ ތެރެއިން ލިބެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ކަންކަން ފުރިހަމަވާނެ ދެވަނަ ގޮތެއް އެ ކުދިންނަކަށް ނުވެސް ނެތެވެ. އެހެންކަމުން، މިއަދު ކުށްކުރި ޒުވާނާއަށް އަދަބުދޭއިރު، މާދަމާ ހަމަ އެކުށް ތަކުރާރުކުރާނެ އިތުރު ޒުވާނުން ތިބޭނެއެވެ. ވީއިރު އަދަބު ދިނުމުން މައްސަލައަށް ލިބޭނެ ލުޔަކީ ކޯބައިތޯއެވެ؟

ބައްލަވާށެވެ! ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި މަރާލެވުނު 40 މީހުންގެ ތެރެއިން 16 މީހުން މަރާލެވުނީ ގޭންގް މާރާމާރީގައެވެ. މަރުގެ ހުރިހާ މައްސަލަތަކަށް ބަލާއިރު، (މަދު މައްސަލައެއް ފިޔަވައި) ކޮންމެ މައްސަލައެއް ގޮސް ހުއްޓެނީ ގޭންގުތަކާ ހަމައިގައެވެ. އެހެންޏާ ބަދަލު ހިފުމަށެވެ. ނުވަތަ މަސްތުވާތަކެތި ހޯދުމަށެވެ. ނުވަތަ އެ ޖަރީމާ ހިންގުމުން ފައިސާ ލިބޭތީ، ފައިސާ ހޯދުމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ގޭންގުތައް ރޫޅިއްޖެނަމަ މަރުގެ މައްސަލަތައް މުޅިންހެން ހުއްޓޭނެއެވެ. އެހެންކަމުން ގޭންގްތައް ހުއްޓުވަން ބޭނުންނަމަ، ޒުވާނުން ގޭންގްތަކާ ގުޅޭ ސަބަބުތައް މުޖުތަމަޢުން ނައްތާލާށެވެ. ކުށްކުރުމުން، (ހަމައެކަނި) ކުށްކުރި ޒުވާނާއާއި އަދަބުގެ ވާހަކަދެއްކުމުގެ ބަދަލުގައި، އެ ޒުވާނާ ކުށަށް އަރައިގަތުމުގެ ކުރިން ކަޑައްތުކުރި މަރުޙަލާތަކާއި ތަޙަންމަލު ކުރި ކަންތައްތަކާއި ހާލަތްތަކާ ދޭތެރޭ ވިސްނާލާށެވެ. އެކަންކަމަށް ސަމާލުކަންދީ އެހީތެރިވެދޭށެވެ. ގޭންގްތަކުގެ ތެރެއިން ކުށަށް އަރައިނުގަނެ ބޭނުންތައް ފުއްދިދާނެ ކަމާއި ރައްކާތެރިކަން ލިބިދާނެކަން އަންގައިދޭށެވެ. އެކަން އިހުސާސްކޮށްދޭން ސަމާލުކަންދޭށެވެ!

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް