ނަފްސުގެ އިންޤިލާބު

ފޮޓޯ: ފްރީޕިކް

އަޅުގަނޑުމެންގެ ޙަޔާތުގެ ދޮރާށީގައި ޓަކި ދިނުމަށް ފަހު އެތެރެއަށް އެ ވަނީ ކޮންމެ އަހަރަކު އެއް ފަހަރު އެ ދޮރާށިން އެތެރެއަށް ވަދެ އަޅުގަނޑުމެންނާ ބައްދަލުކުރާ މެހެމާނެކެވެ. އެ މެހެމާނު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ފުއްސެވުމާއި ދިންނެވުމާއި މުއްތިކުރެއްވުމާއިގެންނެވެ. ޙަޔާތުގެ ޞަފްޙާތަކުގެ ތެރެއިން އުކައިލެވި، ނިމިގެން ދިޔަ ބާބުގައި ޖެހުނުހާ ދަމިލައާއި ލައްތައް ފިލުވައިލަދޭނެކަމުގެ ހެޔޮ ޚަބަރު މި މެހުމާނު ދެއެވެ. އާދޭހެވެ! އަޅުގަނޑުމެންނާ މި ބައްދަލުކުރީ ރަމަޟާންމަހެވެ. އެ މަހުގައި އެކުލެވިގެންވާ ބަރަކާތާއި ރަޙުމަތާއި ފަހި ފުރުޞަތުތަކާއިގެންނެވެ. ސުވަރުގޭގެ ދޮރޮކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތޮޅު އެޅުވިއްޖެއެވެ. އެކަމަކު ނުބައިކަންކަން ކުރާ މީހުން އެހެރަ އެ ކަންކަން ކުރަނީއެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ އެކު، ހޭދަކުރި ދުވަސްތަކުގައި އަޅުކަމުގައި އުޅުނުހާ މީހުން އެ ދުވަސްތައް ނިމުމުން އަޅުކަމުގެ މެހެފިލްތަކުން ގެއްލެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ ނަފްސެވެ. ނުބައިކަންކަމަށް އަމުރުކުރާ ނަފްސެވެ! ހެޔޮ ކަންކަމުގެ މަތީގައި އަބަދަށް ދާއިމުވެ ތިބުން އުނދަގޫ ކަމަކަށް ހަދާ ނަފްސެވެ.

ނަފްސުގެ އިންޤިލާބު – ކީކޭ؟

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި އުނިކަންކަމުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އާދަވެގެން ކުރާ ކަމެކެވެ. ބައިސްކޯފުތަކާއި ހޮޓާތަކާއި ހޮޅުއަށިތަކުގައި އަޑުހަރުކޮށް އެ ވާހަކަތައް ދައްކަމުއެވެ. އެކަމަކު އެ އުނި ކަންކަމުގެ އަޞްލަކީ އަދި މަޞްދަރަކީ އަޅުގަނޑުމެން އަމިއްލަ ނަފްސުތައްކަމާއި، ނަފްސުތަކުގެ އިޞްލާޙަކީ ޖަމާޢީ އިޞްލާޙުގެ ފެށުންކަން އަޅުގަނޑުމެން ހަދާން ހުރޭ ހެއްޔެވެ؟ މި ލިޔުމުގައި އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ނަފްސުތަކުގައި ހުރި އަޚުލާޤީ އުނިކަންކަން ބަޔާންކޮށް އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭނެ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލުމެވެ. އަދި އަޅުގަނޑުމެންގެ ކިބައިގައި މާތް ﷲ ލެއްވި އެދުންވެރިކަމާއި ޣަރީޒާތަކުގެ މައްޗަށް އަޅުގަނޑުމެންގެ ޟަމީރާއި އަޚުލާޤީ ޤަބޫލުކުރުންތަކާއި ދީނީ ތަރުބިއްޔަތަށް ނަޞްރު ހޯދައިދީ، އަޅުގަނޑުމެންގެ ނަފްސުތަކަށް އިންޤިލާބެއް ގެނައުމެވެ. އަޅުގަނޑުމެންގެ ހިތްތަކާއި ނަފްސުތަކުން ފެށިގެން މުޅި ޖަމާޢީ ދިރިއުޅުމުގެ ތެރެއަށް ފޭދިގެންދާ އިންޤިލާބަކަށް ނުވަތަ ރިވޮލިއުޝަންއަކަށް ގޮވާލުމެވެ. މިފަދަ އިންޤިލާބެއް ގެނައުމަށް މިއަށްވުރެ ވަކި އެކަށީގެންވާ މުނާސަބު ވަގުތެއް އެބައޮތް ތޯއެވެ؟ މިއީ ބަދަލުވުމާއި ބަދަލު ގެނައުމުގެ މޫސުމެވެ. ނުބައިކަންކަން ބަލިކޮށް ހެޔޮކަންކަންކަމަށް ބާރުވެރިވެ، ވާގިވެރިވުމުގެ މޫސުމެވެ.

ނަފްސުގެ މަފުހޫމާއި މުރާދު

ނަފްސުގެ އިންޤިލާބުގެ މުރާދަކީ ނުވަތަ މަފްހޫމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކީރިތ ޤުރުއާނުގައި އިންސާނީ ނަފްސު ސިފަކުރެވިފައިވާ ގޮތާއި އެ ސިފަކުރުމުން އަޅުގަނޑުމެންނަށް ލިބޭ ޢިބުރަތްތަކާއި ފިލާވަޅުތަކުގެ ވާހަކަ ދައްކަން ޖެހެއެވެ. ކީރިތި ޤުރުއާނުގައި ނަފްސުގެ ތިން ބާވަތެއްގެ ވާހަކަ ބަޔާންވެފައިވެއެވެ. ނުވަތަ އިންސާނީ ނަފްސުގެ ތިން ސިފައެއް ބަޔާންވެގެން ވެއެވެ. އެއީ ހަމަޖެހިގެންވާ ނަފްސާއި (النفس المطمئنة) ، ނުބައިކަމެއް ކުރެވުމުން އެކަމުގެ މައްޗަށް ހިތާމަކޮށް އެކަމާ މެދު އަމިއްލަ ނަފްސަށް މަލާމާތްކުރާ ޟަމީރާއި (النفس اللوامة) ، ނުބައިކަންކަމަށް ގޮވައިލާ އަމުރުކުރާ ނަފްސެވެ. (النفس الأمارة بالسوء)

ކީރިތި ޤުރުއާނުގައި ނަފްސުގެ ބާވަތްތައް ކަމުގައި ދޭހަވާ ގޮތެއްގައި އައިސްފައިވަނީ އިސްވެ ބަޔާންކުރެވުނު ތިން ބާވަތުގެ ނަފްސެވެ. ބައެއް ޢިލްމުވެރިން މިއީ ނަފްސުގެ ބާވަތްތައްކަމުގައި ދެކެވަޑައިގަތް ނަމަވެސް، ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ އިންސާނީ ނަފްސުގެ ސިފަތަކެއްގެ ގޮތުގައެވެ. އެހެންކަމުން މި ސިފަތަކާއި އަޅުގަނޑުމެންގެ މައުޟޫޢުގެ ގުޅުމަކީ ކޮބައިތޯއެވެ؟ އަދި ކީރިތި ޤުރުއާނުގައި މި ސިފަތައް ވާރިދުވެފައި ވަނީ ކިހިނެއް ތޯއެވެ؟

މާތް ﷲ ވަޙީކުރައްވައެވެ. يا أيتها النفس المطمئنة * ارجعي الى ربك راضية مرضية (މާނައީ: އޭ ހިތްހަމަޖެހިގެންވާ ނަފްސެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ.)

ހިތްހަމަޖެހިގެން ނުވަތަ ހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ ނަފްސަކީ އެ ނަފްސަކާ މެދު މާތް ﷲ ރުހިވޮޑިގެންވާ، އަދި އެ ނަފްސެއް ﷲ އާ މެދު ރުހިގެންވާ ނަފްސެކެވެ. އެ ނަފްސަކީ އިންސާނީ ޠަބީޢަތުގައި އެކުލެވޭ ޙައިވާނިއްޔަ ސިފަތަކުގެ މައްޗަށް ގަދަވެ، އެ ސިފަތައް ބަލިކޮށްފައިވާ ނަފްސެވެ. އެއީ އިންސާނާގެ ކިބައިގައިވާ ޣަރީޒާތައް ފުއްދުމުގައި މާތް ﷲ ކަނޑައެޅުއްވި ޙަލާލު ޙަރާމުގެ މިންގަނޑުތަކަށް ބަލައިގެން އުޅޭ ނަފްސެވެ. އެއީ އެ ނަފްސެއްގެ ފަރާތުން ހެޔޮކަމާއި އުޚުއްވަތްތެރިކަން މުޅި މުޖުތަމަޢަށް ފޯރުކުރާ ނަފްސެވެ. އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އަނެކުންގެ އިޙުސާސްތަކަށް އިޙުތިރާމުކޮށް، އެހެން މީހުންނާ އެކުލަވައިގެން އުޅޭ ނަފްސެވެ. އެއީ ހެޔޮ ކަމުގެ މަޞްދަރެވެ. އެއީ ޖަމާޢީ ދިރިއުޅުން އިޞްލާޙުގެ މަގަށް އަޅުވައި، ހެޔޮ މަގަށް މަގުދައްކާ އަލި ވޮށެވެ.

މާތް ﷲ ވަޙީކުރައްވައެވެ. ولا أقسم بالنفس اللوامة (މާނައީ: އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)

މިއީ އިންސާނާގެ ޟަމީރެވެ. މި ޟަމީރު އެކުލެވެނީ ދީނީ އިޢުތިޤާދާއި އަޚުލާޤީ ޤަބޫލުކުރުންތަކާއި އިޖުތިމާޢީ އުޞޫލުތަކުގެ މައްޗަށެވެ. މާތްﷲ އިންސާނާގެ ކިބައިގައި ލައްވާފައިވާ ޟަމީރަކީ ނުބައި މަގުތަކުން ދިއުމަށް އިންސާނާ ބޭނުންވާ ހިނދު، އެކަމުގެ ކުރިމަތީގައި އޮންނަ އެންމެ ބޮޑު ހުރަހެވެ. އިންސާނީ ޠަބީޢަތުގައިވާ އެދުންތަކާއި ބޭނުންތަކާއި އޭނާގެ ކިބައިގައިވާ ނޫރާނިއްޔަ ރޫޙާނީ ސިފަތަކާ ގުޅުވައިދެނީ މި ޟަމީރެވެ. އެކި މީހުންގެ ކިބައިގައި މި ނަފްސު ހުންނަނީ އެކި މިންވަރަށެވެ. އެ މީހަކު އުޅެ ބޮޑުވި މުޖުތަމަޢާއި، ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ އަސަރު މި ނަފްސުގެ މައްޗަށް ކުރެއެވެ. އެހެންކަމުން ދީނީ އަގުކުރުންތަކުން ނެއްޓި، ދީނުގެ ޢަޤީދާ ދޫކޮށްލުމުން، ފާފައިގެ މައްޗަށް ހިތާމަކުޅައުމާއި ފާފަކުރެވުމުން ކުށްވެރިއެއްކަމުގެ އިޙުސާސްކުރެވުން ނެތިދެއެވެ. އެއްވެސް ކަހަލަ އަގުކުރުމެއް ޤަބޫލުނުކުރަނީ ނަމަ، އެ މީހެއްގެ ޟަމީރު މަރުވުމުގެ ފުރުސަތު އޮވެއެވެ.

މާތް ﷲ ވަޙީކުރައްވައެވެ. وما أبرىء نفسي إن النفس لأمارة بالسوء إلا ما رحم ربي إن ربي غفور رحيم (މާނައީ: އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފި ނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.)

އަޅުގަނޑުމެންގެ ކިބައިގައިވާ އެދުންތަކަކީ އަޅުގަނޑުމެންނާއި އެހިނެހެން ޙައިވާނުންނާ ހިއްސާކުރާ ޞިފައެކެވެ. ކެއުމާއި ބުއިމާއި ޖިންސީ ގުޅުންތަކުން އަރާމު ލިބިގަތުމަށް ބޭނުންވުމެވެ. ދުނިޔޭގެ އަރާމާއި އުފަލަށް ބޭނުންވުމެވެ. އެދުންވެރިކަމާއި ދަހިވެތިކަމެވެ. ނުބައިކަންކަންމަށް އަމުރުކުރާ ނަފްސަކީ ދީނުގެ އިންތަކުން ބޭރުން، ޙަލާލަކަށް ޙަރާމަކަށް ބެލުމެއްނެތި އެ އެދުންތަކާއި ބޭނުންތައް ފުއްދުމަށް ގޮވާލާ ނަފްސެވެ. އެއީ އަޅުގަނޑުމެންގެ ހަވާ ނަފްސެވެ. އެ ނަފްސުގެ ލަގަން އޮންނަނީ އަޅުގަނޑުމެންގެ އެދުންތަކާއި ޝަހުވަތްތަކުގެ އަތްމަތީއެވެ. އެ ނަފްސަކީ ދުނިޔޭގެ ލައްޒަތާއި އަރާމުގެ މަސްތުގައި ޖެހި، އެ އަރާމާއި ލައްޒަތުގެ ފަހަތުން ދުވާ ނަފްސެވެ. އެ ނަފްސަށް އަޅުގަނޑުމެންގެ ބުއްދިއާއި ހިތުގެ ލަގަން ޙަވާލުކުރެވިއްޖެ ނަމަ، އަޅުގަނޑުމެންނަކީ އަބާއްޖަވެރިން ކަމުގައި ވާނެއެވެ.

ނަފްސުތަކުގެ މެދުގައި ތިލަފަތް ހަމަކުރުން

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހާސިލުކުރަން އެންމެ އެދޭ ދަރަޖައަކީ ހަމަޖެހިގެންވާ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ ނަފްސުގެ ދަރަޖައެވެ. އެ ދަރަޖައަށް ވާޞިލްވެވޭނީ އަޅުގަނޑުމެންގެ ޠަބީޢަތުގައިވާ އެދުންވެރިކަމާއި، ދުނިޔޭގެ އަރާމާއި ލައްޒަތަށް ބޭނުންވާ ބޭނުންވުމާއި މާތް ﷲ އަންގަވައި ބާވައިލެއްވި އުޞޫލުތަކުގެ މެދުގައި ތިލަފަތް ހަމަކުރެވިގެންނެވެ. މާތް ﷲ ވަނީ އިންސާނީ ކޮންމެ ޣަރީޒާއެއްވެސް ޙަލާލު މަގަކުން ފުއްދޭނެ ގޮތް މެދުވެރިކޮށްދެއްވާފައެވެ. ޖިންސީ ޝަހުވަތު ކާވެނީގެ މަގުން ފުއްދޭއިރު، ކެއުމާއި ބުއިމުގެ ޝަހުވަތާއި، މުދަލާއި ފައިސާ ޖަމާކުރުމުގައި ޙަލާލު މަގުތައް ތަނަވަސް މަގުތަކެއްކަމުގައި ވަނީ ލައްވާފައެވެ. އެ ޙަލާލު މަގުތަކުން މި ޣަރީޒާތައް ފުއްދުމުން އިންސާނާއަށް މަތިވެރިކަން ހާސިލުކުރެވެއެވެ. ދީނުގެ ހަމަތަކާއި މިންތަކުން ނެއްޓި، ޝަހުވަތާއި އެދުންވެރިކަމަށް ބުއްދިއާއި ހިތުގެ ލަގަން ދޫކޮށްލައިފި ނަމަ، އިންސާނާ ވެއްޓެނީ ވަރަށް ދަށު ދަރަޖައަކަށެވެ.

ޟަމީރުގެ މިސާލަކީ އަޅުގަނޑުމެންގެ ހިތުގައި އަނދާ ވޮށެއްގެ މިސާލެވެ. އެ ވޮށް އަނދާ ނަމަ، ބައެއް ފަހަރު އެ ވޮށުގެ ހޫނުން ހިތުގައި ދިލަ ނަގާނެއެވެ. އެއީ ނުބައި ކަންކަމަށް އަރައިގަނެވި އެ ކަންކަމާ ގާތްވެވޭ ހިނދުގައެވެ. އެކަމަކު އެ ވޮށް ދިއްލޭނަމައީ، ތެދު މަގަށް އަނބުރާ އައުމުގެ ފުރުޞަތު އޮންނާނެއެވެ.

އެ ވޮށް ނިވިއްޖެ ތޯއެވެ؟ ދެން ހިތުގައި އޮންނާނީ އަނދިރިކަމެވެ. އެ ހިތުގެ ލަގަން ހަވާ ނަފްސާ ޙަވާލުވީއެވެ. އެ ހިތުގެ ސަމުގާއަކީ އެދުންވެރިކަމާއި ދުނިޔަވީ ބޭނުންތައްކަމުގައި ވެއެވެ. އެހެންވީމާ ޟަމީރުގެ އަލިކަން ނިވުނަ ނުދީ، އެ ހުޅުކޮޅު ރައްކާތެރިކޮށް، (ނިވެމުންދާ) އެ ހުޅުކޮޅަށް އިތުރު އަލިކަމެއް، ތާޒާކަމެއް ގެނައުމަށް މި މޫސުމުގެ ބޭނުން ހިފަމާތޯއެވެ؟

ބަރަކާތްތެރި ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ބޭނުންތަކާއި އެދުންތައް ކޮންޓުރޯލުކުރަމުން އެކަންކަމުން ނަފްސުތައް މަޙުރޫމުކުރަމުންދާ އިރު، އެ އެދުންތަކާއި ބޭނުންތައް ޙާޞިލްކުރުމުގައި އަޅުގަނޑުމެންގެ ދީނީ ޤަބޫލުކުރުންތަކާއި އިޖުތިމާޢީ އަގުކުރުންތަކާއި ތަހުޒީބުގެ އުޞޫލުތަކަށް، ބުއްދިއާއި ހިތުގެ ލަގަން ދޫކުރުމަށް ނަފުސުތައް ހާނުވައި ތަރުބިއްޔަތުކުރަމާ ތޯއެވެ؟ އަޅުގަނޑުމެންގެ ކިބައިގައިވާ ގިނަގުނަ މައްސަލަތަކަކީ އަޅުގަނޑުމެންގެ ޟަމީރު ބަލިކަށިވުމާއި، އަޅުގަނޑުމެންގެ އެދުންތައް ފުއްދުމުގައި ހަވާ ނަފްސަށް ލަގަން ދޫކޮށްލެވިފައިވުމުގެ ނަތީޖާއެވެ. ފާޙިޝް ޢަމަލުތައް ގިނަވެ، ފަސާދަ މުޖުތަމަޢުގެ ހުރިހާ ދިމާއަކަށް ފެތުރި، ރަޙުމުކުޑަކަމާއި ލާއިންސާނީ ޢަމަލުތައް ޢާންމުވެ، ފަރުދީ ޙައްޤުތަކާއި ޖަމާޢީ ޙައްޤުތަކަށް ބަލައިލުމެއްނެތުނީ އަޅުގަނޑުމެންގެ ނަފްސުތައް ތަހުޒީބުކޮށް ތަރުބިއްޔަތުކުރުމުގައި އަޅުގަނޑުމެން ފެއިލްވީމައެވެ. އަނެއްކާވެސް ޣަފްލަތާއި ޖަހާލަތުގެ ނިދިން އަޅުގަނޑުމެންގެ ޟަމީރުތައް ހޭލައްވާލަދިނުމަށް ރަމަޟާން މަސް އަތުވެއްޖެއެވެ. ހޭލާނަމު ހެއްޔެވެ؟

ބަރަކާތްތެރި މޫސަމާއެކު، ހެޔޮ ބަދަލެއް

އަޅުގަނޑު ލިޔަން މިފަށާ ސިލްސިލާއަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މައްސަލަތަކަށް މުއައްސަސީ ފެންވަރެއްގައި ޙައްލު ހޯދުމުގެ ވާހަކަ ދެއްކުން މަޑުޖައްސާލުމަށް ފަހުގައި، ފަރުދީ ފެންވަރެއްގައި އަޅުގަނޑުމެންގެ ނަފްސުތައް ހޭލައްވާލުމަށް ގޮވާލުމަށް ކުރާ މަސައްކަތެކެވެ. ޢަދުލުވެރިކަމާއި ނަޒާހާތްތެރިކަމާއި، ހެޔޮ އަޚުލާޤު އަޅުގަނޑުމެންގެ އިޖުތިމާޢީ ދިރިއުޅުމާއި، އަޅުގަނޑުމެންގެ ސިޔާސީ ވެށިން ފެންނަން އަޅުގަނޑުމެން އެދެމުއެވެ. އެކަމަށް ގޮވައިލާ އަޑުގަދަކުރުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގައި އެކަންކަން ތަންފީޒު ނުކުރަމުއެވެ. އަޅުގަނޑުމެންގެ ބުއްދިއާއި ހިތުގެ ލަގަން ނުބައި ކަންކަމަށް އަމުރުކުރާ ނަފްސުގެ އަތް މައްޗަށް ދޫކޮށްލަނީ ވިސްނުމެއް ފިކުރެއްނެތިއެވެ. އަޅުގަނޑުމެންގެ ޟަމީރު ކަތިލަމުންދަނީ ދީނީ އަދި އިޖުތިމާޢީ އަގުކުރުންތަކުގެ ތަރަހަ ފުނޑުފުނޑުކޮށްލައިގެންނެވެ.

އަޅުގަނޑުމެންގެ ނަފްސުތަކުގައި އިންޤިލާބު ގެނައުމުން، އެ އިންޤިލާބުގެ ހެޔޮ އަސަރު މުޅި މުޖުތަމަޢަށް ފޯރާނެއެވެ. ޢަދުލުވެރިކަމާއި، ނަޒާހާތްތެރިކަމާއި، ޢިއްފަތްތެރިކަމާއި، ހެޔޮ އަޚުލާޤަކީ އަޅުގަނޑުމެންގެ އާދަތައްކަމުގައި ވެ، އެ ކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ ނަފްސުތައް ހާނުވައި ތަރުބިއްޔަތުކުރެވުމުން އެ ކަންކަން އެއީ އަޅުގަނޑުމެންގެ ޖަމާޢީ ދިރިއުޅުމުގެ ޚާއްޞަ ސިފަތައްކަމުގައި ވެދެއެވެ. ދަންނައެވެ! ނަފްސުތަކުގެ އިންޤިލާބަކީ އިޖުތިމާޢީ އިންޤިލާބުގެ ފެށުމެވެ. އަދި މަޞްދަރެވެ.

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް